ޚަބަރު

"މޯލްޑިވްސް ބޯޓިން އެވޯޑް" 21 ފަރާތަކަށް ދީފި


"މޯލްޑިވްސް ބޯޓިން އެވޯޑް" 21ފަރާތަކަށް ދީފިއެވެ.

މޯލްޑިވްސް ބޯޓިންގ އެވޯޑަކީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ލިވްއަބޯޑްތަކަށް ޚާއްސަ ކޮށްދެވޭ އެވޯޑެކެވެ. މިއަހަރުގެ މޯލްޑިވްސް ބޯޓިންގ އެވޯޑު ތަފާތު 25 ކެޓެގަރީއަކުން 21 ފަރާތަކަށް ދީފައިވެއެވެ.

މިއީ މި އެވޯރޑް ދިން 3 ވަނަ ފަހަރެވެ. މި އެވޯޑް ހަފްލާގައި ދިން އެންމެ ޚާއްސަ އެވޯޑުތަކަށް ބަލާއިރު، މިދާއިރާ ކުރިއެރުވުމަށް އެންމެ ފައިދާ ބޮޑު މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ދޭ، ބޯޓިން ޕާސަނަލިޓީ އޮފް ދި އިޔަރ އެވޯޑް ލިބިފައިވަނީ، އަޙްމަދު ޒުބެއިރު އާދަމަށެވެ.

އެންމެމޮޅު ލިވަބޯޑް ނުވަތަ ޔޮޓް ބްރޭންޑްގެ އެވޯޑު ލިބުނީ، ވޮއޭޖެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. އަދި އެންމެ ރަނގަޅު ޔޮޓް އޮޕަރޭޓަރަކަށް ހޮވިފައިވަނީ، ބްލޫ ހޮރިޒަންއެވެ. ބެސްޓް ސާފް ސަފާރީއަކަށް ހޮވިފައި ވަނީ، މަންޓާ ކުރޫސް ސަފާރީއެވެ. އަދި އެންމެ ފާހަގަކޮށްލެވޭ ޑައިވް ސަފާރީއަކަށް ހޮވުނީ ހޮރިޒަން 3 އެވެ. މަސްވެރިކަމަށް އެންމެ ފާހަގަކޮށްލެވޭ ފިޝިން ސަފާރީއަކަށް ހޮވިފައި ވަނީ، ދިނާޝާ ސަފާރީއެވެ.

މޯލްޑިވްސް ބޯޓިންގ އެވޯޑު ދިނުމަށް އަރޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަދައްކަވަމުން، ވިޔަފާރިއާއި އުފެއްދުންތެރިކަމުގެ ދާއިރާ ގައި ހަރަކާތްތެރިވާ ބޭފުޅެއްކަމަށްވާ ސަލާހް ޝިހާބް ވިދާޅުވީ ސަފާރީ ތަކުން ޚިދުމަތް ހޯދާ ފަތުރުވެރިންނަސް އެކަށީގެންވާ ޚިދުމަތެއް ދިނުމަކީ އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމެއްކަމަށެވެ. އަދި ސަފާރީތަކުގެ ސަލާމަތަށާއި ފަތުރުވެރިންގެ ރައްކާތެރި ކަމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަކީ ސަފާރީތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ މުހިންމު ޒިންމާއެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހަމަގައިމުވެސް އަޅުގަނޑުމެންނަށް ވެސް އޭގެ އަސަރު ކުރަމުންދަނީ. ދާދި ފަހުން ދިމާވި ވިއްސާރައިގެ ސަބަބުން ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ސަފާރީތައް ސަލާމަތް ވެފަ ހުރީ. އެހެންނަމަވެސް މިހެން އަންނަ ކޮންމެ ހާލަތެއްގައި ދޯނި ފަހަރުތަކުގައި އަޅުގަނޑުމެންގެ ޒިންމާއަކަށްވެފައި އޮންނަނީ  އޭގަތިބި ހުރިހާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުން." ސަލާހް ޝިހާބް ވިދާލުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވސްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު އިގްނާޒް ވިދާޅުވީ އެ އެސޯސިއޭޝަނުން ލިވްއަބޯޑްގެ ދާއިރާ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ދިވެހި 144 ކެޕްޓަނުން އުފައްދާފައިވާކަމަށެވެ.

"2018 ވަނަ އަހަރު މި އެވޯޑް ލިވްއަބޯޑް އެސޯސިއޭޝަންގެ އަމިއްލަ މެރީނާއެއްގައި ބޭއްވުމަށް މަސައްކަތްތ ކުރަމުންދާނަން. 2017 ވަނަ އަހަރު ނޮވެމްބަރު މަހާ ހަމަޔަށް  ދަޢުލަތަށް ޖީއެސްޓީ،  ޓީޖީއެސްޓީ،ގްރީން ޓެކްސްގެ ގޮތުގައި އެއްލައްކަ ސާޅިސް ފަސްމިލިޔަން ރުފިޔާ  ހޯދައިދީފައިވާނެ. އިންޑަސްޓްރީ އިތުރަށް ފުޅާ ކުރުމަށްޓަކައި ދައުލަތަށް ވަންނަ ލާރި އިތުރުކުރުމަށްޓަކައި އިތުރު އުޅަނދުތަކެއް އިންޑަސްޓްރީއަށް ތަޢާރަފް ކުރަންޖެހޭކަމަށް." އިގްނާޒް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ބޯޓިން އެވޯރޑްސްގެ އަތްމަތީ ފޮތެއްވެސް ނެރެފައިވެއެވެ.

މޯލްޑިވްސް ބޯޓިންގ އެވޯޑު ދީފައިވައި ވަނީ، އޮންލައިން ވޯޓިންގެ 40 އިންސައްތައާއި ޖަޖުންގެ 60 އިންސައްތަ މާރކްސްއާއެކުގައެވެ.