ދުނިޔެ

ޖީސީސީގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ބައްދަލުވުމެއް ފަށައިފި


ގަލްފުގެ އެއްބާރުލުމާބެހޭ ޖަމްއިއްޔާ، ޖީސީސީގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ބައްދަލުވުމެއް ކުވައިތުގައި ފަށައިފިއެވެ. މިއީ މި ޑިސެމްބަރު މަހުގެ ފަހަކުން ހައަކަށް ކުވައިތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީސީސީގެ އިސްވެރިންގެ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ބައްދަލުވުމެކެވެ. މިބައްދަލުވުމުން ނިންމާ ކަންތައްތަކުގެ ތެރޭގައި ޖީސީސީ ގެ ސަމިޓްގެ އެޖެންޑާ ތައްޔާރުކުރުމާއި ސަމިޓުން ނެރުމަށް ހަމަޖެހިފައިވާ ގުޅިފައިވާ ބަޔާނުގެ ދެލިކޮޕީ ތައްޔާރުކުރުން ހިމެނެއެވެ.

ޖީސީސީގައި ހިމެނޭ ސައޫދީ، ޔޫއޭއީ، ބަހްރައިން މި ތިން ޤައުމާއި މިސްރު ގުޅިގެން ޖީސީސީގެ އެހެން ޤައުމެއް ކަމަށްވާ ގަތަރާ ގުޅުން ކަނޑާލައި ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމާގުޅިގެން ޖީސީސީގެ ޤައުމުތަކުގެ މެދުގައިވަނީ ބައިބައިވުމާއި ނުތަނަވަސްކަން އުފެދިފައެވެ. މި މައްސަލަ ހައްލުކުރުމަށް ޖީސީސީގެ އޮނިގަނޑުގެ ތެރެއިން އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައިނުވާތީ މެންބަރު ގައުމުތަކުގެ ދެމެދުގައި އުފެދޭ މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން އެޖަމްޢިއްޔާގެ ކިބާގައި ހުރިކަމާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

ޖީސީސީގެ އެޖެންޑާގައި ގަލްފުގެ މައްސަލަ، ހިމެނިފައިވާކަން ކުވައިތުން ވަނީ ކަށަވަރުކޮށްދީފައެވެ. ކުވައިތުގެ އަމީރުގެ އިތުރުން ޖީސީސީގެ ސަމިޓަށް ޙާޒިރުވެވަޑައިގަންނަވާނެކަން ކަށަވަރުވެފައިވާ ލީޑަރުންގެ ތެރޭގައި ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އާލްޘާނީ ހިމެނިވަޑައިގަންނަވައެވެ.

މި ސަމިޓްގައި ސައޫދީގެ ވަފުދު ތަމްޘީލް ކުރައްވާނީ އެ ޤައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްކަން ސައޫދީ ރަސްކަމުގެ ދީވާން އާ ހަވާލާދީ ތުރުކީވިލާތުގެ އަނަތޯލިޔާ ނޫސްއެޖެންސީން ޚަބަރުދެއެވެ. އެހެން ނަމަވެސް ސައޫދީ ސަރުކާރުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.  މި ސަމިޓްގައި ޔޫއޭއީ، ބަހްރައިން، އަދި އުމާނުން ބައިވެރިވެވަޑައިގަންނަވާނީ ކޮން ފެންވަރެއްގެ ބޭފުޅުންނެއްކަން އެ ޤައުމުތަކުން އަދިވެސް ހާމަ ކޮށްފައެއް ނުވެއެވެ.