ތަޢުލީމު

ހައި އެޗީވާރސް ސްކޮލަރޝިޕް 41 ދަރިވަރަކަށް


މަތީ ތައުލީމްގެ ފުރުސަތުގެ ދަށުން އަލަށް ތާރަފްކުރެވުނު ހައި އެޗީވާރސް ސްކޮލަރޝިޕް ސާޅީސް އެއް ދަރިވަރަކަށްދީފިއެވެ.

ހައި އެޗީވަރސް ސްކޮލަރޝިޕް އެވޯޑަކީ މަތީސާނަވީ މަރުޙަލާގައި ކިޔަވާ ދަރިވަރުން، ކިޔެވުމަށް ބާރުއެޅުމާއި، ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރުދީ ޢިލްމީގޮތުން ޤާބިލު ޒުވާން ޖީލެއް ބިލާކުރުމަށް، ދިވެހި ސަރުކާރުން އަލަށް ފެއްޓެވި ސްކޮލަރޝިޕް ސްކީމެކެވެ. މިއީ ދިވެހި ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން މިފަދަ ޤައުމީ ފެންވަރުގެ ސްކޮލަރޝިޕް ސްކީމެއް ސަރުކާރުން ފެއްޓެވި ފުރަތަމަ ފަހަރުއެވެ.

ހައި އެޗީވަރސް ސްކޮލަރޝިޕް އެވޯޑުގެ ދަށުން ކިޔެވުމުގެ ފުރުޞަތު ލިބޭނީ ދިވެހިރާއްޖޭގެ ސްކޫލުތަކުގެ މަތީސާނަވީ އިމްތިޙާނުތަކުން ޖީ.ސީ.އީ އޭލެވެލްގެ 3 މާއްދާއިންނާއި، އެޗް.އެސް.ސީގެ ދިވެހި، އިސްލާމް، މި ދެ މާއްދާއިން ދަށްވެގެން "އޭ" ފާސް ހޯދާ ދަރިވަރުންނަށެވެ. އެގޮތުން 2017 ވަނަ އަހަރުގެ މެއި ޖޫން ގައި ބޭއްވުނު އިމްތިޙާނުތަކުން ފަސް A އަށްވުރެ މަތިން ހޯދާއިގެން 41 ދަރިވަރަކު ވަނީ ހައި އެޗީވަރސް ސްކޮލަރޝިޕް އެވޯޑް ޙާޞިލުކޮށްފައެވެ.

ހައި އެޗީވަރސް ސްކޮލަރޝިޕް އެވޯޑް ހަވާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު ނަޒީރު ވިދާޅުވީ، މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުން އެ ފުރުސަތު ފަހި ކޮށްދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ދެހާސް ފަންސާސް ސްކޮލަޝިޕް މި މަހުގެ ތެރޭގައި ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެކަމަށެވެ.

މި ސްކޮލަރޝިޕުގެ ކުދިންނަށް މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި ސާރކް ޤައުމުތަކުން ބޭނުން ޤައުމެއްގައި ހިލޭ ކިޔެވުމުގެ ފުރުޞަތު ދެވޭނެއެވެ. އަދި މި ޤައުމުތައް ނޫން ޤައުމަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް ވެސް ހައި އެޗީވަރސް ސްކޮލަރޝިޕް އުޞޫލުގެ ދަށުން ފުރުޞަތު ލިބިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.