ޚަބަރު

އުރީދޫ "ކަލަރ ރަން" އަންނަ ހުކުރުދުވަހަށް ފަސްކޮށްފި


އުރީދޫއިން އިސްނަގައިގެން ރާއްޖޭގައި ބާއްވާ އެންމެ ކުލަގަދަ ދުވުމުގެ ހަރަކާތްކަމަށްވާ "ކަލަރ ރަން" ފަސްކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުމަށް ކުރިން ނިންމާފައިވާ މި ހަރަކާތް މުސުން ގޯސް ވުމުގެ ސަބަބުން މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުކަމަށް އުރީދޫން މައުލޫމާތުދެއެވެ. އުރީދޫ ކަލަރ ރަން ފަސްކޮށްފައިވަނީ މޫސުންގޯސްވުމުގެ ސަބަބުންނެވެ.

އުރީދޫ "ކަލަރ ރަން" ގައި ހިމެނެނީ ފަސް ކިލޯމީޓަރުގެ ދުވުމެކެވެ. ކޮންމެ ކިލޯމީޓަރެއް ފުރިހަމަކުރުމުން ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން އެކަން ފާހަގަކުރުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. މި ދުވުމުގައި ގިނަ ސަޕްރައިޒްތަކެއް ދުވުންތެރިންނަށް ލިބިގެންދާނެކަމަށް އުރީދޫން ބުނެއެވެ.

މި ދުވުމުގައި 3000 ފަރާތުން ރަޖިސްޓްރީކޮށްފައިވެއެވެ. މި ޙަރަކާތް ފެށޭނީ ހުކުރު ދުވަހު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުންނެވެ.

އުރީދޫއިން ބާއްވާ މި ދުވުމުގެ ހަރަކާތަކީ ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި އާއިލާއާއި، ރަހްމަތްތެރިންނާއިއެކު ދުވުމަކީވެސް އުފާވެރިކަމާއި، މަޖަލާއެކު ކުރެވޭނެކަމެއްކަން އަންގައިދިނުމުގެ މަޤްޞަދުގައި ބާއްވާ އިޖްތިމާޢި ހަރަކާތެކެވެ.