ކުޅިވަރު

ޓީސީއާ ވާދަކުރާ ފައިނަލް މެޗު ވަރަށް އުނދަގޫވާނެ - އޮސްކާ


އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޓީސީއާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށް ނިއުގެ ކޯޗު އޮސްކާ ބުނެފިއެވެ. 

ގްރީން ސްޓްރީޓްސް ބަލިކޮށް، ފައިނަލުން ޖާގަ ހޯދައިދިން މެޗަށްފަހު ނިއުރޭޑިއަންޓްގެ ކޯޗު އޮސްކާ ބުނީ މި ސީޒަންގެ މިހާތަނަށް ރާއްޖޭގެ މުބާރާތްތަކުގައި އެޓީމުގެ ވާދަވެރިއަކީ ޓީސީކަމަށެވެ. ފައިނަލުގައި ޓީސީއާ ވާދަކުރަންޖެހުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަމަށާއި، ޓީސީގެ  ކުރިޔަށް ކުޅޭ ހުނަރުވެރި ކުޅުންތެރިންތަކެއް އެބަތިބިކަމަށެވެ.

" ފައިނަލުގައި ޓީސީއާ ދެކޮޅަށް ނުކުތުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ. ވަރަށް ވަރަށް އުދަނގޫ މެޗަކަށް ފައިނަލު މެޗު ވެގެންދާނީ. އެޓީމަކީ މިހާރު ހުރިހާ ގޮތަކުން ބެލިޔަސް އަހަރަމެންގެ ވާދަވެރިޔާ. އެޓީމުގެ އެޓޭކްތައް އިންތިހާއަށް ނުރައްކާ."

އޮސްކާ ބުނީ މުބާރާތުގެ ފައިނަލަށް ޓީސީ ދިޔައީ އެންމެ މެޗެއް ކުޅެގެންކަމަށާއި އެއީ އެޓީމަށް ލިބޭނެ އެޑްވާންޓޭޖެއްކަމަށެވެ. މުބާރާތުގެ ފައިނަލަށް ވިސްނާ ރޭގެ މެޗުގައި ނިއުގެ ފުރަތަމަ އެގާރަށް ބަދަލުތަކެއް ގެނާކަންވެސް ކޯޗު ފާހަގަކުރިއެވެ. 

މުބާރާތުގެ ފައިނަލުން ނިއު ޖާގަ ހޯދުމާއެކު ޓީސީއަށް ވަނީ އަންނަ އަހަރު އޮންނަ އޭއެފްސީކަޕަށް ކޮލިފައިވުމަށްޓަކައި ޕްލޭއޯފް ޖާގަ ކަށަވަރުވެފައެވެ. ފައިނަލްގައި ޓީސީއާއި ނިއުރޭޑިއަންޓް ވާދަކުރާނީ އަންނަ ބުދަ ދުވަހުގެ ރެއެވެ.