ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ފުރަމާނަ ދަތުރުފުޅެއްގަ ޗައިނާއަށް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި އަންނަ ބުދަ ދުވަހު ޗައިނާއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް ޔާމީންގެ ދެކަނބަލުން ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް މަހުގެ 6 ވަނަ ދުވަހުން 9 ވަނަ ދުވަހަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅާގުޅޭގޮތުން ދެ ޤައުމުން ނެރެފައިވާ ޖޮއިންޓް ސްޓޭމަންޓް މީޑިއާއާއި ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހީމް މުޢާޒް ޢަލީ ވިދާޅުވީ، ރައީސް ޔާމީން ޗައިނާއަށް ކުރައްވާ މި ދަތުރުޅުގައި ރާއްޖެއާއި ޗައިނާއާއި ދެމެދުގައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭ މުހިއްމު މަޝްވަރާތަކެއް ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް މުޢާޒް ވިދާޅުވިއެވެ.



"ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ އެންމެ މަތީ އޮފިޝަލުންނާއެކީގައި މަޝްވަރާ ބައްދަލުކުރެއްވުންތައް އޮންނާނެ. ހަމައެހެންމެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައި" ރައީސް އޮފީހުގެ ތަރުޖަމާން މުޢާޒް ވިދާޅުވިއެވެ.

މި އަހަރަކީ ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރޭ އަހަރުކަމަށްވެފައި، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ އެކުވެރި ގުޅުން، ދެޤައުމުގެ ރައްޔިތުންނަށް ފައިދާހުރިގޮތެއްގައި އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ. ރައީސް ޔާމީންގެ ދެކަނބަލުން ޗައިނާއަށް ކުރައްވާ މިދަތުރުފުޅަކީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު، ޗައިނާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އެމަނިކުފާނު މީގެ ކުރިން ވަނީ 2014 ވަނަ އަހަރާއި، 2015 ވަނަ އަހަރު ޗައިނާއަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ. މި ދަތުރުފުޅުތަކުގައިވެސް ރާއްޖެއާއި ޗައިނާއާއި ދެމެދު މުހިއްމު މަޝްވަރާތަކެއް ކުރައްވާ، އެއްބަސްވުންތަކެއްގައި ދެ ޤައުމުގެ ފަރާތުން ވަނީ ސޮއިކުރައްވާފައެވެ.