ކުޅިވަރު

ނިއުރޭޑިއަންޓް ފައިނަލަށް، އޭއެފްސީކަޕްގެ ޖާގަ ޓީސީއަށް


ނިއުރޭޑިއަންޓް އެފްއޭކަޕް ފައިނަލުން ޖާގަ ހޯދުމުން ޓީސީއަށް އޭއެފްސީކަޕްގެ ޖާގަ ކަށަވަރުވެއްޖެއެވެ.

 ޓީސީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައިވަނިކޮށް، ނިއުރޭޑިއަންޓް ފައިނަލްގެ ދެވަނަ ޖާގަ ހޯދީ ސެމީފައިނަލް ދެވަނަ މެޗުގައި ރޭ ހަތަރެއް ސުމަކުން ގްރީން ސްޓްރީޓްސް ބަލިކޮށްގެންނެވެ. މެޗުގައި ނިއުއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހާ ކެޕްޓަން ސެންޓޭ ވަނީ ހެޓްރިކް ހަދާފައެވެ. ސެންޓޭ ހެޓްރިކް ފުރިހަމަކުރީ ޑީއޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ސީޒަންގައި އޭނާ ޖެހި ބާވީސް ވަނަ ލަނޑެވެ. ލަނޑު ޖަހާނެ މުޅިން ހުސް އިތުރު ފުރުޞަތުތައްވެސް ސެންޓޭއަށް ލިބުނެވެ. ނިއުގެ އަނެއް ލަނޑު ޖެހީ ހަމްޒާ މުޙައްމަދެވެ.

 މެޗު ނިއުރޭޑިއަންޓުން ފެށީ އަލީ އަޝްފާޤާއި، އިބްރާހީމް ފަޒީލްވެސް ނުލައެވެ. އޭގެ ބަދަލުގައި ކޯޗު އޮސްކާ ފުރުޞަތު ދީފައިވަނީ ހަސަން އަދުހަމްއާއި، މުޙައްމަދު ރަޝީދު އަދި އަބުދުﷲ މިދުހަތު ފަހުމީއަށެވެ. ބަދަލު ކުޅުންތެރިންގެ ގޮތުގައިވެސް ކޯޗު ފުރުޞަތު ދިނީ އާއްމުކޮށް ފުރުޞަތު ނުލިބޭ އަހުމަދު ނުހާދުއާއި، މުޙައްމަދު ސާދިންއާއި، އަލީ ޝާމިއުއަށެވެ. 

މި މޮޅާއެކު ނިއުއިން ވަނީ ވިދިވިދިގެން މޮޅުވި މެޗުގެ އަދަދު ސާދައަށް އިތުރުކޮށްފައެވެ. މެޗުން ނިއު މޮޅުވުމުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު ޓީމަކީ ޓީސީއެވެ. އެއީ ފައިނަލްގެ ކުރިން އޭއެފްސީކަޕް ޕްލޭއޯފްގެ ޖާގައެއް އެޓީމަށް ލިބުމުންނެވެ. އެއީ އެފްއޭކަޕް ނިއު ކާމިޔާބުކުރި ނަމަވެސް ލީގުގެ ދެވަނަ ޓީމްގެ ހައިޞިއްޔަތުން ޓީސީއަށް ފުރުޞަތު ލިބޭނެތީއެވެ. 

ޓީސީއާއި ނިއުރޭޑިއަންޓް ވާދަކުރާ ފައިނަލް މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެރެއެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ނިއުއިން ވަނީ އެގާރަ ފަހަރު އެފްއޭކަޕް ކާމިޔާބުކޮށްފައެވެ. މިއީ 2014 ވަނަ އަހަރުގެ ފަހުން އެފްއޭކަޕް ފައިނަލުގައި ނިއު ކުޅޭ ފުރަތަމަ ފަހަރެވެ.