ޚަބަރު

ބްލައިންޑް އެސޯސިއޭޝަނުން އާއިލީ ހަވީރެއް ބާއްވައިފި


ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބްލައިންޑް އެސޯސިއޭޝަންގެ ފަރާތުން ހުޅުމާލޭގައި އާއިލީ ހަވީރެއް ބާއްވައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ އެހެން މީހުންނާ އެއް ސަފެއްގައި ފައި ހަމަކުރެވޭނެ ބައެއްކަން އެންގުމުގެ މަޤްޞަދުގައި ބޭއްވި މިހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވިއެވެ. މި ހަވީރުގައި ގިނަ ކުޅިވަރުތަކެއް ފެނިގެންދިޔައިރު، ސަރުކާރުގެ އެކި މުއައްސަސާތަކުން ބައިވެރިވިއެވެ. އޭގެތެރޭގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އާއި އެމްއެންޑިއެފްއާއި ޕޮލިހުންގެ އިތުރުން ދިރާގުން ބައިވެރިވެފައިވެއެވެ.

މިހަވީރުގެ ތެރެއިން ފުލުހުންނާއި ސިފައިންގެ އުޅަނދުތަކުގައި ފޮޓޯ ނެގުންފަދަ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި ހޭލުންތެރިކުރުމުގެ ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދީފަވެއެވެ. ބްލައިންޑް އެސޯސިއޭޝަނުން ބުނީ މި އާއިލީ ހަވީރުގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލުގެ އެހީތެރިކަމާއިއެކު ނުކުޅެދުންތެރި ހުންނަ ކުދިންނަށް ބޭނުންވާ އެކި ތެރަޕީތައްވެސް ދީފައިވާކަމަށެވެ.

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބްލައިންޑް އެސޯސިއޭޝަނުން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.