ޚަބަރު

އެހެން ސަރުކާރު ތަކުގެ ދަރަންޏަށް ޝިފާއެއް ހޯދައިދިނީ މިސަރުކާރު


އެހެން ސަރުކާރު ތަކުގެ ދަރަންޏަށް ޝިފާއެއް ހޯދައިދިނީ މި ސަރުކާރުންކަމަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހިންގި ކޮންމެ މަޝްރޫއަކަށް މި ސަރުކާރުން 5 މަސްރޫޢު ހިންގާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ މި ސަރުކާރުން އަގުބޮޑުކޮށް މަޝްރޫޢުތަށް ހިންގާކަމަށް އިނދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވާ ވާހަކަފުޅު ދައްކަވަމުންވެ.

މަވެސް ޕީޕީއެމް ނަމުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގާއި ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތުގެ ދަރަންޏާއި ގުޅޭގޮތުން އިނދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވާ ވަރަށް ތަފްސީލްކޮށް ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ޔާމީން ވިދާޅުވީ ނަޝީދުގެ ވެރިކަން ނިމުނު އިރު ދައުލަތުގެ ޖުމުލަ ދަރަނި 29 ބިލިޔަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި މި ސަރުކާރުގެ ދަރަންޏަކީ 14 ބިލިޔަން ރުފިޔާ ކަމަށާއި އެ ދަރަނި އަދާކުރުމުގެ ގާބިލިއްޔަތުކަން ސަރުކާރުގައި  އެބަހުރި ކަމަށެވެ. ރައީސް ވިދާޅުވީި، ކުރީގެ ސަރުކާރުގެ އެ ދަރަނި އަދާ ކުރަން ނުޖެހުނު ނަމަ، މި ސަރުކާރުގެ ދަރަނި އޮންނާނީ އެއް ބިލިއަން ރުފިޔާގައިކަމަށެވެ. އަދި އެއް ބިލިއަން ރުފިޔާގެ ދަރަނި އަރަންޏަށްވެސް ބަދަލުވެގެން ދިޔައީސް ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުވީ ކުރީގެ ސަރުކާރުން ދިވެހިންގެ އެއާޕޯޓް ބޭރުގެ ބަޔަކަށް ދިނުމުން އެތަން އަނބުރާ ހޯދަން ކުރަން ޖެހުނު ހޭދައިގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވީ އެ ހޭދަތައް ނުކުރި ނަމަ މިއަދު މި ސަރުކާރުގައި އޮންނާނީ އަރަނި ބަޖެޓެއް ކަމަށެވެ.

"އެހެން ސަރުކާރު ތަކުގެ ދަރަންޏަށް ވެސް ޝިފާއެއް ހޯދައިދިނީ މި ސަރުކާރުން. ވާރުތަ ވެފައި މިއޮތް ބޮޑު ދަރަނީގެ 13 ބިލިއަން ރުފިޔާގެ ދަރަނި އަދާ ކުރީ މި ސަރުކާރުން. މިހާރު އެއޮތީ އެ ދަރަނި ދައްކާފައި. މި ސަރުކާރުން އުފެއްދި ދަރަންޏަކީ 14 ބިލިއަން. ކުރީގެ ސަރުކާރު ތަކުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ވާރުތަވެގެން އައި ދަރަނި މި ސަރުކާރުން ދެއްކީމާ ހަގީގަތުގައި މި ސަރުކާރުގެ ދަރަންޏަށް ވަނީ އެއްގޮތަކުން ބަލައިފިއްޔާ އެއް ބިލިއަން ރުފިޔާ. މި ސަރުކާރުން ދެއްތޯ 300 މިލިއަން އެމެރިކާ ޑޮލަރު ދައްކާފައި އެއާޕޯޓް ސަލާމަތް ކުރީ. އެކަން ކުރަން ޖެހުނީ ކުރީ ސަރުކާރުގެ ނުކުޅެދުންތެރި ކަމުގެ ސަބަބުން. އެ 300 ސަތޭކަ ބިލިއަން ޑޮލަރަކީ ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާ. އެކަން ކުރަން ނުޖެހުނު ނަމަ މިހާރުވެސް އަރަނީގައި އުޅޭނެ ގާތް ގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ދަރަނި ނަގައިގެން ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަންކޮށްދޭން ބޭނުންވާ ކަމަށާއި މި ސަރުކާރުން ހިންގަމުންގެންދާނީ ނިސްބަތުން ބިޔަ ބޮޑެތި މަޝްރޫޢުތަށް ކަމަށާއި އެ މަޝްރޫޢުތަކުގެ ފައިދާ އިޤްތިސާދަށް ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ސަރުކާރުގެ ދަރަނީގެ ހިސާބު އަހަރަކަށް ޖެހޭ ވަރަށް ބަލާއިރު، 14 ބިލިޔަން ރުފިޔާގެ ދަރަނިން އަހަރަކަށް ޖެހެނީ 3 ބިލިޔަނެއްހާ ރުފިޔާކަން ރާއީސް ފަހަގަކުރެއްވިއެވެ. ނަމަވެސް ނަޝީދުގެ ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި 25 ބިލިޔަން ރުފިޔާގެ ދަރަންޏެއް އޮތް އިރު އަހަރަކަށް 8 ބިލިޔަނެއްހާ ރުފިޔާ ދަރަނީގެ ގޮތުގައި ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

 ''އަށް ބިލިއަން ރުފިޔަ އަހަރަކަށް ދަރަނިވެރިވެގެން 25 ބިލިއަނާއި ކައިރި ކުރާ ވަރުގެ ދަރަނި ތިން އަހަރުގެ ތެރޭގައި އުފައްދާފައި ދިޔައިރު، ހިންގިފައި ހުރި ކެޕްޓަލް މަޝްރޫއުތަކަށް ބަލާކަމުގައި ވަންޏާމުން ތިން އަހަރު ތެރޭގައި ހިންގިފައި އޮތޯ 600 ކޮންމެވެސް މަޝްރޫއެއް. މި ސަރުކާރުން އަހަރަކު ތިން ބިލިއަން ރުފިޔާ ދަރަނިކޮށްގެން މި ސަރުކާރުން ހިންގާފައި އޮތް މަޝްރޫއުތަކުގެ އަދަދު 2017 ވަނަ އަހަރުގެ ނިޔަލަށް ދާއިރު މި އޮތީ 3678 މަޝްރޫއެއް". ރައީސް ވިދާޅުވިއެވެ

ރައީސުލްޖުމްހޫރިއްޔާ ވިދަޅުވީ ޒުވާން ޖީލެއް ބިނާކޮށް އަދި އެ މީހުން ތަމްރީން ކުރުމަށާއި، ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރެވޭ ވަރުގެ ވަރުގަދަ ރައުސުމާލެއް އޮތް ބަޔަކަށް ހަދަން ބޭނުންވާކަމަށެވެ. ރައީސް ވިދާޅުވީ، އާބާދީގެ ނިސްބަތުން ބެލި ކަމުގައި ވިޔަސް މިއަދު ބޮލަކަށް ޖެހޭ ނިސްބަތް ޤައުމުގެ އުފެއްދުންތެރިކަމަށް ބަހާލައިފިނަމަ އެންމެ ކުރީގައި އޮތީ ދިވެހި ރާއްޖެ ކަމަށެވެ.