ކުޅިވަރު

އެސްޓީއޯ ބަށި މުބާރާތް ހުޅުމާލެ ވުމެންސް ކާމިޔާބުކޮށްފި


އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ޗެންޕިއަންކަން ހުޅުމާލެ ވުމެންސް ބަށި ޓީމް ހޯދައިފިއެވެ. 

އިއްޔެ ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗް ހުޅުމާލެ ވުމެންސް ޓީމުން ކާމިޔާބުކުރީ ލ.ގަމު ރިއަލް އައިލެންޑް ސޮސައިޓީއާއި ވާދަކޮށް ކުޑަ ތަފާތަކުންނެވެ. މެޗުގައި ހުޅުމާލެ ޓީމުން ހެދީ ތިރީސް ތިން ލަނޑެވެ. ގަމް ޓީމުން ތިރީސް ދެ ލަނޑު އެގާރަ ބޯޅަ ހެދިއެވެ. ހުޅުމާލެ ޓީމް މުބާރާތް ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ.

 މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިއަކީ ފީއަލި އެކުވެރި ޒުވާނުންގެ ކްލަބުގެ އައިޝަތު ޝިހާމާއެވެ. އެންމެ މޮޅު ހިފުންތެރިޔަކީ ހުޅުމާލެ ވުމެންސް ސްޕޯޓްސްގެ އައިމިނަތު ވިމްނާއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަޤާމް ލިބުނީ ހުޅުމާލެ ވުމެންސް ސްޕޯޓްސްގެ ޝިފާނާ އަބްދުﷲ އަށެވެ. އެންމެ ހިންގުންތެރި މެނޭޖަރަކީ ހުޅުމާޅެ ވުމެންސް ސްޕޯރޓްސްގެ ސަލްމާ އަހުމަދެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ ހުޅުމާލެ ދިރުން ޓީމުގެ ފަޒީލާ ނަސީރެވެ. ފެއާރ ޕްލޭ ޓީމަކީ ނިއު ސްޓާރ ސްޕޯޓްސް ކްލަބެވެ. މި މުބާރާތުގެ ބަށި ރާނީގެ މަޤާމް ހޯދީ ފަސްޓްލޭޑީ ބަށި ބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އަދި ބަށި ރާނީގެ މަޤާމްވެސް ހޯދި ލ.ގަމު ބަށި ޓީމުގެ އައިޝަތު ލުބްނާއެވެ.

 އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގައި މިއަހަރު ތޭރަ ޓީމެއް ވާދަކުރިއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާ ވަނީ ދީފައެވެ.