ޚަބަރު

ހައްޖަށް ގެންދިއުމުގެ ނަމުގައި އުސޫލުތަކާއި ޙިލާފަށް ފައިސާ ނެގުމުގެ ޝަކުވާ





 


މި އަހަރު ހައްޖަށް ގެންދިއުމަށް ކުންފުނިތަކަށް ހުއްދަ ދޫކުރުމުގެ ކުރިން އެކި ފަރާތްތަކުން ވޭތުވެދިޔަ އަހަރުތަކުގައި ހައްޖަށް މީހުން ގެންދިއުމުގެ ނަމުގައި މިނިސްޓްރީގެ އުސޫލްތަކާއި ޚިލާފަށް ފައިސާ ނަގާފައިވާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށް އިސްލާމިކް އެފެއަރޒް މިނިސްޓްރީން ބުނެފިއެވެ.


 


އެ މިނިސްޓްރީން ވަނީ މިހާރު ފައިސާ ނަގާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހެއްކާއެކު ފަސް ދުވަހުގެ ތެރޭގައި އެމިނިސްޓްރީއަށް ހުށަހެޅުމަށް އެދިފައެވެ. އިސްލާމިކް އެފެއަރޒް މިނިސްޓްރީން ބުނީ ހައްޖަށް މީހުން ގެންދިއުމަށް މިހާރު ޕްރޮޕޯޒަލް ހުށަހަޅާފައިވާ ސަތާރަ ފަރާތުގެ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރަމުންދާކަމަށާއި ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތްތަކުން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލްތަކާއި ޚިލާފަށް ފައިސާ ނަގަމުންދޭތޯވެސް އެ މިނިސްޓްރީން ބަލަމުންދާނެކަމަށެވެ. އަދި ޖަމާއަތްތަކަށް ހުއްދަ ދެވޭނީ މި މައްސަލަތައް ބެލުމަށްފަހުގައިކަމަށް އެ މިނިސްޓްރީން ބުނެއެވެ.


 


މި އަހަރު ރާއްޖެ އަށް ލިބިފައިވާ އަށްސަތޭކަ ކޯޓާގެ ތެރެއިން ހަތަރު ސަތޭކަ ކޯޓާ އަމިއްލަ ހަތަރު ކުންފުންޏަށް ދޫކުރުމަށް ހަމަޖައްސާފައިވާ އިރު އަނެއް ހަތަރުސަތޭކަ ކޯޓާ ދީފައި ވަނީ ސަރުކާރު ހިއްސާވާ ހައްޖު ކޯޕަރޭޝަނަށެވެ. ހައްޖު ކޯޕަރޭޝަން އުފެއްދުމާއެކު ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް ލިބޭ ކޯޓާގެ ފަންސާސް ޕަސެންޓް ޚާއްސަކޮށްފައިވަނީ އެކުންފުންޏަށެވެ. އަދި ބާކީ ކޯޓާތައް ކުންފުނިތަކުގެ މެދުގައި ބަހާލުމަށް ވަނީ ނިންމާފައެވެ.


 


މީހުން ހައްޖަށް ގެންދިއުމާއި ބެހޭ އުސޫލްގައި ހައްޖަށް މީހުން ގެންދިއުމަށް މިނިސްޓްރީން ކަނޑައަޅާ އަގަށް ވުރެ އިތުރަށް އެއްވެސް ފައިސާއެއް ހައްޖުވެރިން އަތުން ނެގުން އެ އުސޫލް މަނާކުރެއެވެ. އަދި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމާ ބެހޭ ގާނޫނުގައި ބުނާ ޓެކުހެއް ވެސް އެ މީހުން އަތުން ނަގައިގެން ނުވާނެ ކަމަށް ވެސް އުސޫލުގައިވެއެވެ. އެ އުސޫލުގައި ބުނާ އެއްވެސް ކަމަކާ އެއްވެސް ކުންފުންޏަކުން ޚިލާފުވެއްޖެ ނަމަ ޖެހިގެން އަންނަ އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އެ ކުންފުންޏަކަށް ނުދިނުމަށްވެސް ނިންމާފައިވެއެވެ.