ޚަބަރު

ނުވަސަތޭކައަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ


އެމްއައި ކޮލެޖުން ހިންގި ކޯސްތަކުން ނުވަސަތޭކައަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި އެމްއައި ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ސަނަދު ހާސިލްކުރި ދަރިވަރުންގެ ތެރޭގައި ސެޓްފިކެޓް ލެވެލް އިން ފެށިގެން ބެޗްލާރސް ލެވެލްގެ ކޯސްތަށް ފުރިހަމަކުރި ދަރިވަރުން ހިމެނެއެވެ. އެމްއައި ކޮލެޖުން މިއަހަރު ހިންގި ކޯސްތަކުގެ ތެރޭގައި ބެޗްލަރސް އޮފް އެޑިއުކޭޝަން އިން އާރލީ ޗައިލްޑް ހޫޑްއާއި ބެޗްލާރސް އޮފް ހިއުމަން ރިސޯސަސް މެނޭޖްމަންޓާއި ބެޗްލާރސް އޮފް ސޮފްޓް ވެއަރ އިންޖީނިއަރިންގއާއި  އެސޯސިއޭޓް ޑިގްރީ އިން ބްޒްނަސް މެނޭޖްމަންޓްއާއި ޑިޕްލޮމާ އިން ޕްރައިމެރީ ޓީޗިން ފަދަ ކޯސްތައް ހިމެނެއެވެ.

މިރަސްމިއްޔާތުގައި އެމްއައި ކޮލެޖުން ހިންގި ކޯސްތަކުން އެންމެ މަތީ މާރކްސް ހޯދި 23 ދަރިވަރަކު ވަނީ ޓޮޕް އެޗީވްމަންޓް އެވޯޑު ޙާސިލްކޮށްފައެވެ. އެ ދަރިވަރުންނަށް އެވޯޑު ޙަވާލުކޮށްދެއްވީ މިރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކް އެވެ.  މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކް ވަނީ ތަޢުލީމީ ދާއިރާ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް ސަރުކާރަށް ތަޢުރީފް ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މަތީ ތަޢުލީމް ކާމިޔާބުކާމާއިއެކު ކުރިއަށްދަނީ ސަރުކާރުގެ މިންނަތާ އެއްބާރުލުން ލިބިގެންކަމަށެވެ. ދަރިވަރުންނާ މުޚާތަބް ކުރައްވާ ވަހަކަދައްކަވަމުން އެމަނިކުފާނު ވަނީ ޤައުމުގެ ސުލްޙަ މަސަލަސްކަން ދަމަހައްޓަވާ ޤައުމަށް ފާގަތި ދުވަސްތަކެއް ހޯދައިދިނުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ކޮންމެ މީހަކީ އާ ކަންތަތައްތައް ދަސްކުރާ، އާ ކަންތައްތައް ޤަބޫލު ކުރާ މީހަކަށް ވުމަށްވެސް އިލްތިމާސް ކުރެއްވިއެވެ.

"ބަދަލުވަމުންދާ ދިވެހިރާއްޖޭގައި ތަޢުލީމީ ޒުވާނުން ޤާބިލް ބައެއްގެ ގޮތުގައި ވެވޭނީ ވިސްނުމަށްވެސް ބަދަލުތަކެއް އައިސްގެން. ހަވާލުކުރެވޭ ވަޒީފާގައި ޤައުމަށް ދިމާވަމުންދާ އިޖްތިމާޢި މައްސަލަތައް އިސްލާހް ކުރުމަށް މަސައްކަތް ކުރުން މުހިއްމު" ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއައި ކޮލެޖްގެ ރެކްޓަރ ޑރ.އާމާލް ޢަލީ ވިދާޅުވީ މިއަހަރުގެ ޖުލައި މަހު އެ ކޮލެޖުގެ 3 ކެމްޕަހެއްގައި މާސްޓަރސް ފެންވަރުގެ ކޯސްތައް ފެށާފައިވާކަމަށެވެ. އަދި އެމްއައި ކޮލެޖުން ހޯދަމުންދާ ކާމިޔާބީތައް ފާހަގަކުރައްވާ މިކާމިޔާބީއަކީ ކޮލެޖުގެ ސްޓާފުންނާއި ދަރިވަރުންގެ މިންނަތް މަސައްކަތް ވިދާޅުވިއެވެ.

އެމްއައި ކޮލެޖަކީ ސެޓްފިކެޓް ލެވެއިން ފެށިގެން ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގަމުން އަންނަ އަމިއްލަ ކޮލެޖެކެވެ. އެ ކޮލެޖުން މިއަހަރު ވަނީ 23 ކޯސް ހިންގާފައެވެ.