ތޫފާން އޯޗީގެ ސަބަބުން އަވައްޓެރި މަލިކަށް ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ. ވިއްސާރާގައި ވައި ބާރުވެ މަލިކުގެ ހޭޅިފަށުގައި ހުރި ގެތަކުގެ ފުރާޅު އެއްލާލާފައިވެއެވެ. ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން މަލިކު މުހައްމަދު އިސްމާއިލް ބުނީ އުދަ އެރުމުގެ ސަބަބުން އެކިވަރުގެ ގެއްލުން ވެފައިވާއިރު މަސް ދޯނިފަހަރު ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާކަމަށެވެ. ރޭ މަލިކަށް ކުރި ވިއްސާރާއިގައި ބައެއް ގޭގެ މައްޗަށް ރުއްގަސް ވެއްޓި ބޭނުން ނުކުރެވޭ ވަރަށް ގެތަކަށް ގެއްލުންވެފައިވާކަމަށްވެސް މުހައްމަދު އިސްމާއިލް ބުނިއެވެ. މަލިކުގެ ބޮޑުބައެއްގައި ކަރަންޓުގެ ޚިދުމަތްވެސް ނެތްކަމަށް މަޢުލޫމާތުލިބެއެވެ. މި ތޫފާނާއި ގުޅިގެން އަމިއްލަ ތަޖުރިބާ ހިއްސާކުރަމުން މުޙައްމަދު ބުނީ މަލިކު ރައްޔިތުން މިފަދަ ނުރައްކާތެރި ދުވަހެއް އަދި ދެކެފައިނުވާކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ހެޔޮ ދުޢާކޮށްދިނުމަށް މުހައްމަދު އިސްމާއިލް އެދިފައިވެއެވެ.