ޚަބަރު

އެހީތެރިވުމުގެ މަސައްކަތް ރައީސްގެ އަނބިކަނބަލުން ފަށްޓަވައިފި


ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް މޫސުން ގޯސްވެ، މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ރަށްރަށުގެ އާއްމު ރައްޔިތުންގެ ހާލަތު ބައްލަވާ، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އިސްނަންގަވައިގެން ޚާއްސަ މަސައްކަތްޕުޅުތަކެއް ފަށްޓަވައިފިއެވެ. 

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރާއްޖޭގެ އެކި ރަށްތަކަށް އެކިވަރުގެ ގެއްލުންތައް ދަނީ ލިބެމުންނެވެ. މިކަންކަމާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާ، ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ އިތުރުން، އާއްމު ފަރުދުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިސްނަންގަވައިގެން އެކަމަނާ ހިންގަވާ ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގައި، ޓާސްކް ފޯހެއް އެކުލަވާލާ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މި މަސައްކަތްތައް ކުރިއަށްދާގޮތާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއްކަމަށްވާ ޢަދްލީ އިސްމާޢީލް ވިދާޅުވީ، ވިއްސާރައިގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ލިބެމުންދާ ރަށްރަށުގެ ރައްޔިތުންގެ ހާލަތު އެކަމަނާ ވަރަށްގާތުން ބައްލަވަމުން ގެންދަވާކަމަށެވެ. ވަކިން ޚާއްސަކޮށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ރަށްރަށުގެ ކައުންސިލްތަކަށް ޚުދު އެކަމަނާ އަމިއްލަފުޅަށް ގުޅުއްވާ، އެރަށްރަށަށް ބޭނުންވާ އެހީތެރިކަމަކީ ކޮބައިތޯ ބައްލަވަމުން ގެންދަވާކަމަށެވެ. ޢަދްލީ ވިދާޅުވީ، އެބޭފުޅުންގެ ފޯކަލް ޕޮއިންޓްތައް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިހެން ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި އެބޭފުޅުން މެދުވެރިކޮށް، ގެއްލުން ލިބިފައިވާ ރަށްރަށުގެ އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުންދާކަމަށެވެ. 

img:http://s3.psmnews.mv/images/660x400/15121402276081.jpg|ވިއްސާރައިގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމުގެ މަސައްކަތް ރައީސްގެ އަނބިކަނބަލުންގެ ބެއްލެވުމުގެ ދަށުން ކުރިއަށްދަނީ

ގުދުރަތީގޮތުން ދިމާވާ މިފަދަ ކާރިސާތަކުގެ ވަގުތުތަކުގައި އެންމެ ގުޅިގެން އެކަތިގަނޑެއްގެގޮތުގައި މަސައްކަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ ވަރަށް ބޮޑު އިލްތިމާސްއެއްކަމަށްވެސް ޢަދްލީ ވިދާޅުވިއެވެ.

"މެޑަމް ސީދާ ބައެއް ކައުންސިލްތަކުގެ ރައީސުންނަށް ގުޅުއްވާ، ޚާއްސަކޮށް ބޮޑަށް ހާލުގައިޖެހިފައިވާ ރަށްރަށަށް ގުޅުއްވާ ހާލުވެސް އެބަ ބައްލަވާ. މީގެ އިތުރުން ވަކިވަކި ފަރުދުންނަށް ދިމާވެފައިވާ މައްސަލަތައްވެސް މިދަނީ ބަލަމުން. އަޅުގަނޑުމެންގެ ފޯކަލް ޕޮއިންޓްސްތައް ތިބޭނެ ވަކި ވަކި ރަށްރަށުގައި. އެހެންވީމަ އެބޭފުޅުންނާއި ވަކިން ވާހަކަދައްކާ އެރަށްރަށުގެ ކޮން އާއިލާއަކަށްތޯ އެހީތެރިކަން ބޭނުންވަނީ އޮޅުންފިލުވަމުން މިދަނީ. އެންމެ ބޮޑަށް ވިއްސާރައިގެ އަސަރުކޮށްފައިވާ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށަކުން ދަތިވެފައިހުރި ދިމަދިމާލަކީ ކޮބައިތޯ ބަލާ، އަދި ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށްވެސް އިތުރު އިންޕުޓެއް ދިނުމަށް މަސައްކަތް ކުރަމުން މިގެންދަނީ. މެޑަމްގެ އިލްތިމާސަކީ މިފަދަ ކަންކަމުގައި އެންމެން ގުޅިގެން މަސައްކަތްކޮށް، މިފަދަ ހާދިސާތަކުގައި އެކަތިގަނޑަކަށްވެގެން ހުރިހާ ރައްޔިތުން އެއްކޮށް މަސައްކަތްކުރުން" އަދްލީ ވިދާޅުވިއެވެ.

ޢަދްލީ ވިދާޅުވީ، އެބޭފުޅުންގެ ފޯކަލް ޕޮއިންޓްތައް މެދުވެރިކޮށް މިހާތަނަށް އެއްކުރެވުނު މަޢުލޫމާތުތަކުގެ އަލީގައި މައިގަނޑުގޮތެއްގައި ރަށްރަށުން ހުށައަޅާފައިިވަނީ ބޯކޮށް ވާރޭވެހި، ގޭގެއަށް ފެންވަނުމުގެ ސަބަބުން ފަރުނީޗަރަށާއި، ހިފާގެންގުޅޭ ސާމާނުތަކަށް އެކިވަރުގެ ގެއްލުންތައް ލިބެމުންދާކަމުގެ މައްސަލަތައްކަމަށެވެ. އަދި އެކަންކަމަށް ސަރުކާރުގެ އިދާރާތައް މެދުވެރިކޮށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ޢަދްލީ ވިދާޅުވިއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެންމެ މަތީ ދަރަޖައިގައި އަބަދުވެސް ތައްޔާރުވެ ތިއްބެވުމަށް ކަމާގުޅޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދަންނަވާފައިވާކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕަރސަން އިބްރާހީމް މުޢާޒް ޢަލީވެސް މިއަދު ވަނީ ވިދާޅުވެފައެވެ.