ޚަބަރު

ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއް މިއަދު ނުހިނގާ- ކޯސްޓްގާޑު


ވޭތުވެ ދިޔަ ގަޑިތަކުގައި ކަނޑުމަތީގެ އެއްވެސް ނުރައްކާތެރި ހާދިސާއެއް ހިނގާފައިނުވިނަމަވެސް ކުދިކުދި ހަދިސާތައް ހިގާފައިވާކަމަށް ކޯސްޓްގާޑުން ބުނެފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވޭތުވެދިޔަ ދެދުވަހުވަނީ ކަނޑުމާތީގެ އެކި ހާދިސާތައް ހިނގާފައެވެ. އެހެންނަމަވެސް މިއަދު ކަނޑުމާތީގެ ނުރައްކާތެރި ހާދިސާއެއް ހިނގާފައިނުވާކަމަށް ކޯސްޓްގާޑުން ބުނެއެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާޙީމް ވިދާޅުވީ ރާއްޖޭގެ އެތެރޭގައި ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް އަޅާ ތައްޔާރަށް ތިބިކަމަށެވެ. ދަތުރު ކުރާއިރު މޫސުމަށް ސަމާލުކަންދީގެން ދަތުރުކުރުމަށާއި، އުޅަނދުގެ ސަލާމަތަށް ވިސްނައިގެން ދަތުރުކުރުމަށް ކޯސްޓްގާޑުން އިލްތިމާސްކުރެއެވެ. 

ކާނަލް މުޙައްމަދު އިބްރާޙީމް ވަނީ ދަތުރު ކުރަމުންދާއިރު އުޅަނދަށް އެކަށީގެންވާވަރަށް މީހުން އުފުލުމަށާއި ފަސިންޖަރުންގެ ގައިގައި ލައިފް ޖެކެޓް އަޅުވާފަ ބެހެއްޓުމަށް އިލްތިމަސްކޮށްފައެވެ. އަދި އުޅަނދުތަކުގައި ދިޔަ ހިއްކޭނެ އިންތިޒާމް ހަމަޖައްސައިގެން ދަތުރުކުރުމުގެ މުހިއްމުކަން އޭނާ ފަހަގަކުރެއްވިއެވެ.

ރާއްޖޭގެ އުޅަނދުތަކުގެ އިތުރުން ބޭރުގެ ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން ދާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ރާއްޖެއިން، ރާއްޖެއިން ބޭރަށް ދަތުރު ކުރަމުންދާ ފަރާތްތަކަށް ލަފާޔާއި އިރުޝާދު ދެމުންދާކަމަށެވެ. އެހެންނަމަވެސް އެ އުޅަނދުތަކާ ހަމަޔަށް ދިޔުމަކީ އުނދަގޫ ކަމަކަށްވާތީ މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫން ދަތުރުތައް ނުކުރުމަށް ކާނަލް މުޙައްމަދު އިބްރާޙީމް އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން މޫސުން ގޯސްވުމުގެ ސަބަބުން އެހީތެރިކަން ފޯރުކޯށްދިނުން ދަތިވާނެތީވެ ރާއްޖޭގެ އުތުރުގެ ސަރަޙައްދަށް މަސްވެރިކަމަށް ނުނިކުތުމަށްވެސް އޭނާ އިލްތިމާސްކުރެއްވިއެވެ.