ޚަބަރު

ގެއްލުންވެގެން އެންމެ ގިނައިން ރިޕޯޓްކުރީ ށ އަދި ޅ އަތޮޅުން


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ގެއްލުންވެގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ށ އަތޮޅާއި ޅ އަތޮޅުންކަމަށް އެސެންޓަރުން ބުނެފިއެވެ. 

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓުން ހާމަކުރާގޮތުގައި، އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ފެންބޮޑުވެ، ގޭގައަށް ފެން ވަނުމުގެ މައްސަލަތައްކަމަށެވެ. ޑިޒާސްޓަރ މެނޭޖަމަންޓް ސެންޓަރުން ބުނީ މެދުވެރިވެދާނެ ކުއްލި ޙާލަތަކަށް ވިސްނާ، އެ ސެންޓަރުވެސް ތައްޔާރީ ޙާލަތަށް ގެނެސްފައިވާކަމަށެވެ. އެގޮތުން މިހާރުވެސް އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ގުޅިގެން ރަށްރަށުގެ ޙާލަތު ގާތުން ބަލަމުންދާކަމަށާއި، ރަށްތަކަށް ދިމާވާ މައްސަލަތަކަށް ފިޔަވަޅުއަޅަމުން އަންނަކަމަށެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ސީނިއަރ ޕްރޮގްރާމް އޮފިސަރ ފަރޫޝާ ޢަލީ ވިދާޅުވީ ބައެއް މަގުތަކުގައި ފެންބޮޑުވެ، ފެންގަޑާ ކުންޏާ އެއްވަމުންދާތީއާއި، ބައެއްރަށްތަކުގެ ޖަންކްޝަންތަކުން ނަޖިސް ބޭރުވަމުންދާތީ ކުރިމަތިވެދާނެ ސިއްޙީ ޙާލަތަކަށްވެސް ސެންޓަރުން ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން ކައުންސިލްތަކާއި ޢާއްމުންނަށް މިކަންކަމާއިގުޅޭ މަޢުލޫމާތު ޙިއްސާކުރަމުންދާކަމަށާއި، މައްސަލައެއް ދިމާވެއްޖެނަމަ އެން.ޑީ.އެމް.ސީއަށް ރިޕޯޓް ކުރާނެ ގޮތްތައް ކިޔައިދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ދަނީ ކާޑުގެ ބާވަތްތަކާއި ޢާއްމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ކާނާގެ ބާވަތްތައް ރަށްރަށުގައި ހުރި މިންވަރު ބެލުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.