 
										 
										 
										
			ރާއްޖޭގެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ކުރަމުންދާ ވިއްސާރައިގައި ގިނަ ރަށްތަކެއްގައި ފެން ބޮޑުވެ އެކި ވަރުގެ ގެއްލުންތައް ދަނީ ލިބެމުންނެވެ. 
 
މިފަދަ ހާދިސާތައް މޮނިޓަރކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާގުޅޭ އިދާރާތައް ގުޅިގެން އިއްޔެއާއި މިއަދުވެސް ހުއްޓުމެއް ނެތި ދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ. މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރާއްޖޭގެ ބައެއް ރަށްރަށުގައި ފެންބޮޑުވުމާއި، ގޭގެއެއަށް ފެންވަދެ، ހިފާގެންގުޅޭ ސާމާނަށާއި، އިލެކްޓްރޯނިކް ތަކެއްޗަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. ހަމައެހެންމެ ވައިގަދަވުމުގެ ސަބަބުން ރުއްގަސް ވެއްޓުމުގެ ހާދިސާތަކާއި، އުދައެރުން ފަދަ ކަންކަން ކުރިމަތިވެގެން އެކި ރަށްރަށުން ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ދަނީ ރިޕޯޓްކުރަމުންނެވެ.
 
 img:http://s3.psmnews.mv/images/660x400/15121307933073.jpg|ވިއްސާރައިގެ ސަބަބުން މަނަދޫގައި ފެންބޮޑުވެފައި / ފޮޓޯ: ޕީއެސްއެމް ނިއުސް 
 
އެގޮތުން ރ. މީދޫގެ ތިރީސް ފަސް ގެއަކާއި، ނ. މިލަނދޫގެ ފަނަރަ ގެއަކަށް ފެންވަދެ ގެއްލުންވެފައިވާކަމަށް އެރަށްރަށުގެ ކައުންސިލުން މަޢުލޫމާތުދެއެވެ.
 
ނ. މިލަންދޫއިން މަޢުލޫމާތުދޭގޮތުގައި އެރަށުގެ ބައެއް ގެތަކަށް އެއް ފޫޓަށްވެސް ފެންވަދެފައިވޭ. ވިއްސާރައިގެ ސަބަބުން ރަށްތަކަށްވަމުދާ ގެއްލުން ކުޑަކުރުމަށް އެމްއެންޑީއެފްއާއި ފުލުހުން ގުޅީގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބޯކޮށް ވާރޭ ވެހެމުންދާ ރަށްތަކުގައި ފެން ބޮޑުވެ ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ގޭގޭ ދޮރުމަތީ ވެލިބަސްތާ ޖެހުމާއި، ޕަންޕުޖަހައިގެން ފެން ހިންދުމުގެ މަސައްކަތްތަކާއި، ފެންބޮޑުވެފައިވާ ގެތަކުގައި ހުރި މުދާ ފެނުގެ އަސަރު ނުކުރާނެހެން ރައްކާތެރި ތަންތަނަށް ބަދަލުކުރުން ހިމެނެއެވެ.
 
 img:http://s2.psmnews.mv/images/660x400/15121308156509.jpg|ވިއްސާރައިގެ ސަބަބުން ވިލިނގިލީގައި ފެންބޮޑުވެފައި / ފޮޓޯ: ޕީއެސްއެމް ނިއުސް 
 
މޫސުމާއިބެހޭ އިދާރާއިން ވަނީ މިއަދުގެ ދިހަދަޑި ތިރީހުން މެންދުރުފަހު ތިންގަޑި ތިރީހާ ހަމައަށް ހއ. އަތޮޅާއި ކ. އަތޮޅާއި، ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައެވެ.