ދުނިޔެ

މައުންޓް އަގުންގް ގޮވާފާނެކަމުގެ ނުރައްކާ އިތުރުވެފައި


އިންޑޮނޭޝިޔާގެ ފަތުރުވެރިކަމުގެ މަންޒިލެއް ކަމަށްވާ ބާލީގައި ހުންނަ އަލިފާންފަރުބަދަ މައުންޓް އަގުންގް ގޮވާފާނެކަމުގެ ބިރު ބޮޑުވެފައިވުމުން އެ ރަށުގައި ހުންނަ ބައިނަލްއަޤުވާމީ ވައިގެބަނދަރު 3 ދުވަހަށް ބަންދުކުރުމަށްފަހު، އަލުން ހުޅުވާ ޙިދުމަތް ދޭން ފަށައިފިއެވެ.

 މި އަލިފާންފަރުބަދަ ގޮވާފާނެކަމުގެ ބިރަށް އިންޑޮނޭޝިޔާގެ އޮފިޝަލުން މިކަމުގައި ނެރޭ އެންމެ މަތީ އެލަރޓް ނެރެފައިވާ މި ދަނޑިވަޅުގައި މަތިންދާބޯޓުގެ ދަތުރުތައް އަލުން ފަށާފައިވަނީ، ފަރުބަދައިން އަރަމުންދާ ދުން ދަތުރުކުރާ މިސްރާބު ބަދަލުވެފައިވާތީކަމަށް ރޮއިޓަރސްއިން މަޢުލޫމާތުދޭއެވެ.

މީގެ 3 ދުވަސް ކުރިން ބާލީގެ ވައިގެބަނދަރަށް ބައިނަލްއަޤުވާމީ ދަތުރުތައް ހުއްޓާފައިވާތީ އެ ވައިގެ ބަނދަރުގައި އެތައް ހާސް ބަޔަކު ތާށިވެފައި ތިއްބެވެ.

އަދި މި ފަރާތްތައް ބާލީން ބޭލުމަށް ބައިނަލްއަޤުވާމީ އިތުރު އުދުހުންތައް އޮޕަރޭޓްކުރުމަށް ނިންމާފައިވާކަމަށް ރޮއިޓަރސްއިން ބުނެއެވެ.

އިންޑޮނޭޝީޔާގެ އޮފިޝަލުން ބުނެފައިވަނީ ވައިގެ މިސްރާބު ހުރި ގޮތަކަށް ބަލައި ބާލީގެ ވައިގެބަނދަރު އަލުން ބަންދުކުރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

މައުންޓް އަގުންގް ގޮވާފާނެކަމުގެ ބިރަށް މިކަމުގައި ނެރޭ އެންމެ މަތީ އެލަރޓް އިންޑޮނޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހޯމަ ދުވަހު ނެރެފައެވެ.

 އަދި އެ ސަރަހައްދުގައި އުޅޭ 100،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އިންޑޮނޭޝިޔާގެ ޑިޒާސްޓަރއާ ބެހޭ ވުޒާރާއިން ވަނީ ގޮވާލާފައި. އަދި މިކަމުގައި ރައްކާތެރި ހިސާބުތަކަށް ދިއުމަށް ދެކޮޅު ހަދާ ފަރާތްތައް ބާރުގެ ބޭނުންކޮށްގެން ވެސް މިސަރަހައްދުން ގެންދާނެ ކަމަށް އެފަރާތުން ބުނެއެވެ.

މައުންޓް އަގުންގް އެންމެ ފަހުން ގޮވާފައިވަނީ 1963 ވަނަ އަހަރުގައެވެ.