ކުޅިވަރު

ޤައުމީ ވޮލީބޯޅަ ލީގު މާދަމާރޭ ފަށާނެ


ޤައުމީ ވޮލީބޯޅަ ލީގު މާދަމާރޭ ފަށާނެއެވެ. 

މުބާރާތް ހުޅުވައިދޭނީ ފިރިހެން ޑިވިޝަންގެ ޕޮލިސް ކްލަބާއި މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ފިރިހެން ޑިވިޝަންގައި މިދެޓީމްގެ އިތުރުން ވާދަކުރަނީ މޯލްޑިވިއަން ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ދިވެހި ސިފައިންގެ ކްލަބާއި، ސީލައިފް ސްޕޯރޓްސް ކްލަބެވެ. 

ލީގު އުސޫލުން ދެބުރު ކުޅޭ މުބާރާތުގެ ދެވަނަ ބުރަށްދާނީ ފުރަތަމަ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. ފުރަތަމަ ބުރުގެ ކުޅުން ކުރިޔަށްދާނީ މާދަމާއިން ފެށިގެން ޑިސެމްބަރު އަށެއްގެ ނިޔަލަށެވެ. ލީގުގެ ދެވަނަ ބުރުގެ ކުޅުން ކުރިޔަށްދާނީ އަންނަ މަހުގެ ނުވަޔަކުން އެގާރައަށެވެ. 

ދެވަނަ ބުރުން އެންމެ މޮޅު ތިން ޓީމް ޤައުމީ މުބާރާތުގައި ވާދަކުރާނެއެވެ. 

ލީގުގެ އަންހެން ޑިވިޝަންގައި ވާދަކުރާނީ ތިންޓީމެވެ. އެއީ ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމާއި، ޕޮލިސް ކްލަބާއި، މޯލްޑިވިއަން ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ލީގުގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހުގެ ހަވީރު ވާދަކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުމާއި ޕޮލިސް ކްލަބެވެ. 

ޤައުމީ މުބާރާތުގެ އަންހެން ޑިވިޝަން އަދި ފިރިހެން ޑިވިޝަންގެވެސް ފައިނަލް މެޗު ކުޅެން ތާވަލްކޮށްފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ.