ޚަބަރު

ތާޖް ކޮރަލް ރީފް ރިސޯޓަށް ދަތުރުކުރި ދޯންޏެއް އަޑިއަށް ހިގައްޖެ


މާލެއިން ފުރައިގެން ތާޖް ކޮރަލް ރީފް ރިސޯޓަށް މުދާ ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް އަޑިއަށް ހިގައްޖެއެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނީގައި ތިން މީހުން ތިބިކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ދެ ބިދޭސީންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ކަމެއް ނުވާކަމަށާއި، މި މީހުން ތާޖް ކޮރަލް ރީފް ރިސޯޓްގެ ލޯންޗެއްގައި އެ ރިސޯޓަށް ގެންގޮސްފައިވާކަމަށެވެ.

މި ޙާދިސާގައި އަޑިއަށް ގޮސްފައިވަނީ "ޒޯރޯ 4"ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏެކެވެ. އެމްއެންޑީއެފުން މަޢުލޫމާތުދިން ގޮތުގައި މި ދޯނި އަޑިއަށްދާން މެދުވެރިވީ މޫސުން ގޯސްވުމުގެ ސަބަބުން ތާޖް ކޮރަލް ރީފް ކައިރީގައި އޮތް ދޮންވެލިގަނޑަކަށް ދޯނި ބީހުމުގެ ސަބަބުންނެވެ. މި ދޯނި މިހާރު އޮތީ ބީހުނު ދޮންވެލިގަނޑު ކައިރިއަށް އަޑިއަށް ގޮސްފައެވެ. މިޙާދިސާގެ މަޢުލޫމާތު އެމްއެންޑިއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 10:10 ހާއިރުއެވެ. މޫސުން ގޯސްވުމުގެ ސަބަބުން މިހާތަނަށް ކަނޑުމަތީގެ 13 ޙާދިސާއެއް ހިނގައިގެން ރިޕޯޓް ކޮށްފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.