ޚަބަރު

ޑިމޮކްރަސީއެއްގައި މާގިނައިން "އަނގަ ކަސްރަތު" ނުކުރާނެ: މަސީހް


ޑިމޮކްރަސީއެއްގައި މާގިނައިން "އަނގަ ކަސްރަތު" ނުކުރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީހް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އަށާރަވަނަ ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ނިންމާލައްވާ މެމްބަރުންނާ މުޙާތަބު ކުރައްވަމުން މަޖިލިސް ރައީސް މަޞީހް ވިދާޅުވީ ޑިމޮކްރަސީގައި ޑިމޮކްރަސީގައި އަބަދުވެސް ކަންކަން ނިންމާނީ އަޤުލަބިއްޔަތުން ކަމަށެވެ. އަދި ޑިމޮކްރަސީގައި އަޤުލަބިއްޔަތުން ކަންކަން ނިމޭނީ ވޯޓުން ކަމަށާއި ވޯޓުން ކަންކަން ނިމޭއިރު ކޮންމެވެސް އެއްބަޔަކު ބަލިވާނެ ކަމަށް މަޞީހް ވިދާޅުވިއެވެ. އަދި އެހެން ބަޔަކު ސްމާޓް ނިންމުމެއް ނިންމި ނަމަވެސް އެއްވެސް މެންބަރަކު މާޔޫސްވެވަޑައިގަންނާކަށް ނުޖެހޭ ކަމަށް މަޞީހް ވިދާޅުވިއެވެ.

" "ގަބޫލު ކުރަން ޖެހޭ ހަގީގަތުގައި ޑިމޮކްރަސީގައި އަބަދުވެސް ވޯޓަކަށް ދާއިރު ނިމޭނީ ގިނަ މީހުން ތާއީދު ކުރާ އަގުލަބިއްޔަތަކަށް، އަދި ވެރިކަމަށް އަންނަ އިރު އިލެކްޝަންތަކުގައި ވެސް ކަންކަން ނިމޭނީ ހަމަ އެގޮތަށް، އެހެންވީމަ ބައެއް ފަހަރު ވާދަވެރިވެގެން ދާއިރު ހިތް ނޭދޭ ގޮތަށް ވެސް ނިމިދާނެ، ނަމަވެސް އަޅުގަނޑުމެން އުޅެން ޖެހޭނީ ހެޔޮ ގޮތުގައި އަނިޔާ ނުވާ ގޮތަށް،" މަސީހު ވިދާޅުވި އެވެ.

މަސީހް ވިދާޅުވީ ޑިމޮކްރަސީގައި ކަންކަން ނިންމާނީ އާރގިއުމަންޓުން ކަމަށެވެ. ޑިމޮކްރަސީގައި އަތްފައި އިސްނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މަސީހު މިރޭ ވިދާޅުވި ގޮތުގައި މަޖިލީހުގެ މަސައްކަތުގެ އުފެއްދުންތެރިކަމުގެ މި އަހަރުގެ ރޭޓަކީ 95.7 ޕަސަންޓެވެ. އަދި މި އަހަރު މަޖިލީހަށް ހުށަހެޅި 45 މައްސަލައެއް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

މަސީހް ވިދާޅުވީ ދެ މަސް ދުވަހުގެ ޗުއްޓީއަކަށް މަޖިލިސް މިރޭ ދާއިރު މަޖިލިސް ޗުއްޓީއަށް ދަނީ އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމަށްފަހު ކަމަށެވެ.

"18 ވަނަ މަޖިލީހުގައި މިއަދުގެ ނިޔަލަށް 431 މައްސަލަ ނިންމައިފި. މިއަދުގެ ނިޔަލަށް ޕްރޮޑަކްޓިވިޓީ ރޭޓަކީ 98.6 ޕަސަންޓު،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަސީހް ވިދާޅުވީ މި ގައުމަކީ އެންމެންގެވެސް ޤައުމު ކަމަށާއި ޤައުމުގައި ކުރާ ހުރިހާ ކަމެއް އަދި ރައްޔިތުންނަށްޓަކައި ސަރުކާރުން ކުރަމުންދާ ކަންކަންވެސް ކުރަމުންދަނީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ތިބެގެން ކަމަށެވެ.