ކުޅިވަރު

މުއިވެޔޮ ބަލިކޮށް، މާޒިޔާ އެފްއޭކަޕް ސެމީފައިނަލަށް


ތިން ވަނަ ޑިވިޝަންގައި ކުޅޭ މުއިވެޔޮ ބަލިކޮށް، އެފް.އޭ.ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން މާޒިޔާ ޖާގަ ހޯދައިފިއެވެ.

މިއަދު ހަވީރު އެފް.އޭ ކަޕް ކުއާޓަރ ފައިނަލްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި މުއިވެޔޮ ފްރެންޑްސް ބައްދަލުކުރި މެޗު މާޒިޔާ ކާމިޔާބުކުރީ ތިނެއް ސުމަކުންނެވެ. މާޒިޔާއިން ތިން ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.

ފުރަތަމަ ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ އަހުމަދު އިމާޒުއެވެ. ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އައްސަދު އަލީއެވެ. އަދި ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރ ސަމޫޙު އަލީއެވެ.

މިމެޗުގައި މާޒިޔާގެ ކުރިއަށާއި މެދުތެރެއަށް ކުޅޭ ގިނަ ކުޅުންތެރިންތަކަކަށް ވަނީ ރެސްޓު ދީފައެވެ.

އެގޮތުން ޓީމުގެ ކެޕްޓަން މުހައްމަދު އުމެއިރާއި، އިސްމާއިލް އީސާއާއި، ޔަސްފާދު ހަބީބް އަދި މުހައްމަދު އިރުފާން ފަދަ ގިނަ ކުޅުންތެރިން މެޗު ސްކޮޑުގައިވެސް ހިމަނާފައެއް ނުވެއެވެ.

މިމެޗުން މޮޅުވުމުން މާޒިޔާ މުބާރާތުގެ ސެމީފައިނަލްގައި ވާދަކުރަން ޖެހޭނީ މިދިޔަ އަހަރުގެ އެފް.އޭ ކަޕްގެ ދެވަނަ ޓީ.ސީ ސްޕޯޓްސް އާއެވެ. ޓީސީއަށް ސެމީފައިނަލްގެ ޖާގަ ލިބުނީ ކްއާޓަރ ފައިނަލްގައި ވާދަނުކޮށެވެ.