ދުނިޔެ

ބާރުގެ ބޭނުންކޮށްގެންވެސް ސުލްޙަ ޤާއިމުކުރަންޖެހޭ- ސީސީ


ކިތަންމެ ވަރަކަށް ބާރުގެ ބޭނުންކޮށްގެން ނަމަވެސް މިސްރުގެ ސައިނާއަށް ސުލްހަ ގެނައުމަށް މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ، އެ ޤައުމުގެ ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުހައްމަދު ފަރީދް ޙިޖާޒީ އަށް އަމުރު ކުރައްވައިފިއެވެ.

ސީސީ ވިދާޅުވީ ކިތަންމެ ބޮޑު އަގެއް ދައްކައިގެންނަމަވެސް ތިން މަސް ދުވަހުގެ ތެރޭގައި ސައިނާއިން ޓެރަރިސްޓް ޖަމާޢަތްތައް ނައްތާލައި އެ ސަރަހައްދުގައި އަމްނު ޤާއިމުކުރުމަށް ސިފައިންގެ ވެރިޔާއަށް އަމުރުކުރައްވާފައިވާނޭ ކަމަށެވެ.

ކީރިތި ރަސޫލާގެ އީދުމީލާދު ފާހަގަކުރުމުގެ ގޮތުން އަލްއަޒްހަރު ޔުނިވަރސިޓީގައި ބުދަ ދުވަހު ބޭއްވި ދީނީ ހަފުލާއެއްގައި ސީސީ ވިދާޅުވީ، ދީނުގެ ނަމުގައި މިސްކިތްތަކަށް ހަމަލާދީ މާތްﷲ އަށް އަޅުކަންކުރަން ތިބި ކުށެއްނެތް މީހުން މަރައި މިސްކިތްތައް ލޭގެ ކޯރުތަކަށް ހަދައި ބިރުވެރި ގަތުލުއާންމުތައް ހިންގައި، ޓެރިރިސްޓުންނަކީ ދީނެއް މިއްލަތެއް ނެތް ބައެއްކަމަށާއި އެފަދަ ނުރައްކާތެރި ޓެރަރިސްޓުންނަށް މިސްރުގެ ފަސްގަނޑުން ޖާގަ ދީގެންނުވާނެކަމަށެވެ. އެ މީހުންގެ ބާރު މިސްރުން ފުހެލައި މިސްރަކީ އަމާން ތަނަކަށް ހަދަންޖެހޭކަމަށާއި، 3 މަސްދުވަހުގެ ތެރޭގައި މިކަންކޮށް ނިންމުމަށް ސިފައިންގެ ވެރިޔާއަށް ޢަމުރުކުރައްވާފައިވާނެކަމަށް ސީސީ ވިދާޅުވިއެވެ.

 މިދިޔަ ހުކުރުދުވަހު ސައިނާގެ މަސްޖިދުއް ރަވްޟާގައި އެތަށް ސަތޭކަ ބަޔަކު ހުކުރު ނަމާދަށް ތިއްބައި ހަތިޔާރުއެޅި ބަޔަކު ބަޑިން ދިން ޙަމަލާތަކުގައި 305 މަރާލައި 90 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވެއެވެ. މިއީ މިސްރުގެ ތާރީޚުގައިވެސް މިސްކިތެއްގައި އަޅުކަންކުރަންތިބި ބަޔަކާ ދެކޮޅަށް ހިންގި އެންމެ ބޮޑު ގަތުލުޢާންމެވެ.  މިސްރުގައި މީގެ ކުރިން ދިން އެއްވެސް ޓެރަރިސްޓް ހަމަލާއެއްގައި އެއްފަހަރާ މިހާ ގިނަ މީހުން މަރާލާފައެއްނުވެއެވެ. އަލްއަޒްހަރު ޔުނިވަރސިޓީގައި ބޭއްވި ހަފުލާގައި ސީސީ ވިދާޅުވީ މިސްރުގެ މުޖުތަމަޢު ޓެރަރިޒަމްގެ ބިރުން ސަލާމަތްކުރުމަކީ ހަމައެކަނި ސިފައިންނާއި ފުލުހުންގެ މަސްއޫލިއްޔަތެއް ނޫންކަމަށާއި މިކަން ހުއްޓުވައި ހައްދުފަހަނަޅާފައިވާ ފަރާތްތައް ނައްތާލުމުގައި އާންމުންގެ އެހީތެރިކަންވެސް ބޭނުންވާކަމަށެވެ. ދީނުގެ ނަމުގައި ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކުން ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކުގެ ސަބަބުން މިސްރަށް ލިބެމުންދާ ގެއްލުންތައް ބަޔާންކުރައްވަމުން ސީސީ ވިދާޅުވީ އެ ޖަމާއަތްތަކުގެ ސަބަބުން ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ތިބެންޖެހިފައިވާއިރު، މިސްރަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާޢަތްކަމަށްވާ ފަތުރުވެރިކަންވެސް ޓެރަރިޒަމްގެ ސަބަބުން ހީނަރުވަމުންދާކަމީ ހިތާމަހުރި ކަމެއް ކަމަށެވެ.