 
										
			ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމަށް ކުރާ މަސައްކަތުގެ ދަށުން އދ. ފެންފުށި އާސާރީ މިސްކިތާއި އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނުގައި ހުރި މިސްކިތްތަކުގައި ޚާއްސަ ދިރާސާތަކެއް ކުރިއަށްގެންގޮސްފިއެވެ. 
 
މި ދިރާސާތައް ކުރިއަށް ގެންގޮސްފައިވަނީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖާއި ޕާކިސްތާނުގެ "އާގާ ޙާން ޔުނިވަރސިޓީ" ގެ ޕްރޮފެސަރއެއްކަމަށްވާ ޑރ. ސްޓެފާން ޕްރަޑީންސްއާއި ގުޅިގެންނެވެ. 
 
ނޮވެމްބަރު މަހުގެ 2 ން 26 އަށް ކުރިއަށް ގެންދިޔަ މި ދިރާސާގައި އދ. ފެންފުށި ހުކުރު މިސްކިތާއި އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނާއި އެތަނާ އިންވެގެން ހުރި މިސްކިތްތަކާއި ގުޅޭ ތަރީޚީ މަޢުލޫމާތުތާއި އެތަންތަން އިމާރާތްކޮށްފައިވާ ގޮތާއި ގުޅޭގޮތުން ވަރަށް ތަފްސީލީ ދިރާސާތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ބުނެއެވެ. އަދި މި ދިރާސާތަކުގެ އަލީގައި އެއްކުރެވުނު މަޢުލޫމާތުތައް ވަރަށް އަވަހަށް އާއްމު ކުރާނެކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެއެވެ.
 
އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނަކީ ރާއްޖޭގައި މިހާރު ފެންނަން ހުރި އެންމެ ދުވަސްވީ ގަބުރުސްތާނެވެ. މި ގަބުރުސްތާނުގެ ތެރޭގައި 4 މިސްކިތަކާއި މެދުޒިޔާރާތުގެ ނަމުގައި ޒިޔާރަތެއް ފެންނަން ހުރެއެވެ. އެތަނުގައި ހުންނަ ކޯގަންނު ފަނޑިޔާރު މިސްކިތަކީ ރާއްޖޭގައި ހިރިގަލުން ހަދާފައިވާ މިސްކިތްތަކުގެ ތެރެއިން އެންމެ ދުވަސްވީކަމަށް ބެލެވޭ މިސްކިތެވެ.
 
އދ. ފެންފުށި ހުކުރު މިސްކިތަކީ ހިރިގަލުގެ ކުރެހުމާއެކު ހިރިގަލުން ހަދާފައިވާ މިސްކިތެކެވެ. އެ މިސްކިތުގެ ބެރިތަކާއި ތަނބުތަކާއި އަރިމަތީ ފިލާގައި ލާފެންކޮށް ލިޔެފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މިސްކިތުގެ ފަންގިފިލާއާއި ތަނބުތައް ހަދާފައިވަނީ މާލޭ ހުކުރު މިސްކިތާއި އެއްގޮތްގޮތަކަށެވެ.
 
ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓަށް އެރުވުމަކީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މިގޮތުން ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓަށް ރާއްޖޭގެ 6 މިސްކިތެއް އަރާފައިވާކަން ފާހަގަކޮށްލެވެއެވެ.