 
										
			ހދ. ހަނިމާދޫގައި އިމާރާތްކޮށްފައިވާ ކަސްޓަމްސްގެ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ. 
 
މި އިމާރާތް ހުޅުއްވާދެއްވީ އެކަމަށްޓަކާ މިއަދު ހަނިމާދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބުރާހިމް ޝަރީފް މުޙައްމަދެވެ. 
 
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުހައްމަދު ވަނީ ކަސްޓަމްސްގެ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ދެއްވާ އަހައްމިޔަތު ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހަނިމާދޫ ހިމެނޭ ސަރަޙައްދުގައި ޤާއިމްކުރާ އިގްތިޞާދީ ސިނާޔަތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކަސްޓަމްސް އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަށް ދެއްވިއެވެ.
 
ހަނިމާދޫގައި އަލަށް ޤާއިމްކުރި އިމާރާތުގެ މަސައްކަތް މައިގަނޑުގޮތެއްގައި އަމާޒުކުރާނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމަށް ކަމަށާއި، އިމާރާތާ އިންވެގެން ލިބިފައިވާ ބިމުގައި ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތް ޤާއިމުކުރުމަށް ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި މިކަމުގެ ސަބަބުން އުތުރުގެ ސަރަޙައްދުގައި ޤާއިމްކޮށްފައިވާ ރިސޯރޓްތަކަށް މި ވެއަރހައުސްތަކުގެ ޚިދުމަތް ފުޅާދާއިރާއެއްގައި ލިބިގެންދާނެކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.
 
ހަނިމާދޫ ކަސްޓަމްސް އިމާރާތުގެ މަސައްކަތް 2014 ގައި ފެށިއިރު އިމާރާތް އެޅުމަށް 7.1 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވެއެވެ.