ޚަބަރު

ސީ.ސީ.ޓީ.އައި އިން ހިންގި 6 ކޯހެއްގެ ނިމުން ފާހަގަކޮށްފި


ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން މިއަހަރު ހިންގި 6 ކޯހެއްގެ ނިމުން ފާހަގަކޮށްފިއެވެ. މި ކޯސްތައް ޖުމްލަ 144 ދަރިވަރުން ވަނީ ފުރިހަމަ ކޮށްފައެވެ. މިކޯސްތަކުގެ ތެރޭގައި އެޑްމިނިސްޓްރޭޝަންގެ ދާއިރާގެ ޑިޕްލޮމާ ފެންވަރުގެ ކޯސްތަކާއި އޮފީސް މެޖޭމްމަންޓާއި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ސެޓްފިކެޓް ލެވެލްގެ ކޯސްތަކުގެ އިތުރުން އިނގިރޭސި ފެންވަރު ރަނގަޅުކުރުމަށް ކުރިއަށް ގެންދިޔަ އިންގްލިޝް ލޭންގުއޭޖް ޕްރޮފިޝެންސީ ފޯރ އެގްޒެކެޓިވްސް ކޯސް ހިމެނެއެވެ.

ކޯސްތައް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކުރުމުގެ ގޮތުން ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހަފްލާގައި ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވިދާޅުވީ ކޮންމެ މުވައްޒަފަކު ވެސް އަމިއްލަ ކުރިއެރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މިގޮތުން ހަފްތާއަކު ވަކި ވަގުތުކޮޅެއް އަމިއްލައަށް ކަންކަން އުގެނި ދަސްކުރުމަށް ޚާއްޞަކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ. 

މިހަފްލާގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވީ ޢިލްމު ހޯދަން މަސައްކަތް ކުރުމަކީ ވަކި އުމުރަކަށް އޮތްކަމެއް ނޫންކަމަށާއި އަބަދުވެސް އިތުރަށް އުގެނެންޖެހޭކަމަށެވެ. އަދި އަމިއްލަ ދިރުއުޅުއްވުމުން މިސާލު ނަންގަވައި، އެއްވެސް ކަމަކީ ގަދައަޅާ މަސައްކަތްކޮށްފިނަމަ ކާމިޔާބު ނުކުރެވޭނެކަމެއް ނޫންކަން ފާހަގަކުރައްވާ އުގެނުމަށް ގަދައަޅާ މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. 

މި ހަފްލާގައި ވަނީ ސީއެސްޓީއައިގެ 2018 ވަނަ އަހަރުގެ ޓްރެއިނިންގ ޑައިރެކްޓްރީ އާއި 6 ގަޑިއިރު މެންޑޭޓަރީ ޓްރެއިނިންގ ޕްރޮގްރާމުގެ ސެލްފް ލަރނިންގ ޕެކް އިފްތިހް ކޮށްފައެވެ. އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ 2017 ވަނަ އަހަރުގެ ނިއުސްލެޓަރ "ބަޒް" ގެ ސްޕެޝަލް އެޑިޝަން ވެސް ވަނީ ނެރެދެއްވާފައެވެ.