ދުނިޔެ

ކެންޔާޓާ ރިޔާސީ ދެވަނަ ދައުރަކަށް މަޤާމުގެ ހުވާ ކުރައްވައިފި


ކެންޔާގެ ރައީސް އުހޫރޫ ކެންޔާޓާ ރިޔާސީ ދެވަނަ ދައުރަކަށް މަޤާމުގެ ހުވާ ކުރައްވައިފިއެވެ.

ފަސް އަހަރުގެ ދެވަނަ ދައުރަކަށް ކެންޔާޓާ ހުވާކުރެއްވީ މިދިޔަ އޮކްޓޯބަރުމަހު ބޭއްވި އެ ޤައުމުގެ ރިޔާސީ އިންތިޚާބު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ކާމިޔާބު ކުރައްވައިގެންނެވެ.

މަޤާމުގެ ހުވާ ކުރެއްވުމަށްފަހު ކެންޔާޓާ ވަނީ ޤައުމުގެ އެއްބައިވަންތަކަމަށް ގޮވާލައްވާފައެވެ. އަދި ޤައުމުގައި ހަމަނުޖެހުން ހިންގުމަށް އިދިކޮޅު ފަރާތްތަކުން އިންތިޒާމުކުރަން މަސައްކަތްކުރި މުޒާހަރާތައްވެސް ކެންޔާގެ ފުލުހުންވަނީ ހުއްޓުވާފައެވެ.

މިދިޔަ އޮކްޓޯބަރުމަހު ބޭއްވި ކެންޔާގެ ރިޔާސީ އިންތިޚާބުގައި އެ ޤައުމުގެ އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އަދި އެއަށްފަހު އޭނާވަނީ ރިޔާސި އިންތިޚާބުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދަވާފައެވެ.

ނަމަވެސް ކެންޔާގެ އިންތިޚާބުތަކާބެހޭ އިދާރާއިންވަނީ ރިޔާސީ އިންތިޚާބުގެ ނަޒާހަތްތެރިކަން ކަށަވަރުކޮށްދީފައެވެ.

ކެންޔާ ސަރުކާރުންވަނީ ވެރިކަން ހޯދުމަށްޓަކައި ބޭރު ޤައުމުތަކުގެ އެޖެންޑާތަކެއް ތަންފީޒުކުރަން މަސައްކަތްކުރާކަމުގެ ތުހުމަތު އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ އާއި އޭނާގެ ބައިވެރިންގެ މައްޗަށް އުފުލާފައެވެ.