ދުނިޔެ

މުގާބޭގެ އުފަންދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި


37 އަހަރަށްފަހު ޒިންބާބުވޭގެ ރައީސްކަމުން އަމިއްލައަށް އިސްތިޢުފާދެއްވި ރޮބަޓް މުގާބޭގެ އުފަންދުވަހަކީ ރަސްމީ ބަންދުދުވަހެއްގެ ގޮތުގައި ޒިންބާބުވޭއިން ކަނޑައަޅައިފިއެވެ.

ޒިންބާބުވޭގެ ރަސްމީ މީޑިއާއިން ބުނާގޮތުގައި، މުގާބޭގެ އުފަންދުވަސްކަމުގައިވާ ފެބްރުއަރީމަހުގެ 21 ވަނަ ދުވަހަކީ، "ރޮބަޓް ގެބްރިއަލް މުގަބޭ ނޭޝަނަލް ޔޫތް ޑޭ" ގެ ގޮތުގައި ފާހަގަކުރަން އެޤައުމުން ނިންމާފައިވާކަމަށެވެ. މުގާބޭ އުފަންދުވަސް ބަންދުދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް އެންމެ ބޮޑަށް ބާރުއަޅާފައިވަނީ ވެރިކަންކުރާ ޒާނޫ ޕީއެފް ޕާޓީގެ ޒުވާނުންގެ ގޮފިންނެވެ. މުގާބޭ އިސްތިޢުފާދެއްވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އެޤައުމުގެ އެންމެ ބޮޑު އެއަރޕޯޓަށް ވަނީ އޭނާގެ ނަމުން ނަންވެސް ދީފައެވެ. 

img:http://s1.psmnews.mv/images/660x400/15118795403625.jpg|މުގާބޭ ނަން ދީފައިވާ އެއަރޕޯޓެއް / އެޤައުމުގެ ގިނަ ޢިމާރާތްތަކަކާއި މަގުތަކަކަށް ވަނީ އޭނާގެ ނަމުން ނަން ދީފައި

މީގެ އިތުރުން މުގާބޭގެ ވެރިކަމުގައި އެޤައުމުގެ ބައެއް ޢިމާރާތްތަކާއި މަގުތަކަށްވެސް ވަނީ މުގާބޭގެ ނަމުން ނަން ދީފައެވެ. އަނެއްކޮޅުން ރޮބަޓް މުގަބޭ ޔުނިވަރސިޓީގެ ނަމުގައި ޔުނިވަރސިޓީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. 

ޒިންބާބުވޭގައި 37 އަހަރު ވެރިކަން ކުރެއްވުމަށްފަހު، ރޮބަޓް މުގާބޭ މަޤާމުން އިސްތިޢުފާދެއްވީ މިމަހުގެ 21 ވަނަ ދުވަހު، އެޤައުމުގެ ސިފައިން އޭނާއަށް ދެކޮޅަށް ތެދުވުމުންނެވެ. ސިފައިން މުގާބޭއާ ދެކޮޅަށް ތެދުވީ، އޭރު ނާއިބު ރައީސަކަށް ހުންނެވި އެމަސަން ނަންގަވާ، މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭގެ ނުފޫޒުން މަޤާމުން ދުރުކުރުމުންނެވެ. 

img:http://s2.psmnews.mv/images/660x400/15118795700583.jpg|މުގާބޭއަށްފަހު ޒިންބާބުވޭގެ ވެރިކަމަށް ވަޑައިގެންނެވި އެމަސަން ނަންގަވާ

މުގާބޭ އިސްތިޢުފާދެއްވުމުން މިމަހުގެ 24 ވަނަ ދުވަހު ޒިންބާބުވޭގެ ރައީސްކަމަށް އިސްކުރީ އެމަސަން ނަންގަވާއެވެ. އޭނާއަކީ ޒިންބާބުވޭގެ އަސްކަރިއްޔާއާއި ކަމުއޮށިގެންވާ މީހުންގެ ބޮޑު ތާއީދު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.