ނ.މާފަރު ބަލިކޮށް ސިޔާމް މައުރޫފް ސޮކަރ ކަޕް ގްރޫޕް އެކަކުން ތިންވަނަ ކެނދިކުޅުދޫ ހޯދައިފިއެވެ.
މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކޮށް ބަލިވި ކެނދިކުޅުދޫ ތިންވަނަ ކަށަވަރުކުރީ މިއަދު 2-1 ން މާފަރު ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކުއެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކެނދިކުޅުދޫއަށް ކުރި ހޯދައިދިނީ އަހުމަދު އަޔާޒުއެވެ. ދެވަނަ ހާފްގައި އައްޒާމް އަބުދުﷲ މާފަރަށް ނަތީޖާ ހަމަހަމަކޮށްދީފައިވަނިކޮށް ކެނދިކުޅުދޫ މެޗުން މޮޅުކޮށްދިނީ މުޙައްމަދު އިޝާންއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ.
މިނަތީޖާއާއެކު ކުޅުނު ތިން މެޗުންވެސް ބަލިވެ، ޕޮއިންޓެއް ނުލިބި މާފަރު ވަނީ މުބާރާތުން ކަޓާފައެވެ. ކެނދިކުޅުދޫއަށް ކްއާޓަރ ފައިނަލުން ޖާގައެއް ލިބޭނީ ގްރޫޕް ތިނަކުން ތިންވަނައަށްދާ ޓީމަށްވުރެ ނަތީޖާ ރަނގަޅުވެގެންނެވެ. ގްރޫޕް އެކަކުން ކްއާޓަރގެ ޖާގަ ކަށަވަރުވެފައިވަނީ އެއްވަނަ ޓީމްގެ ގޮތުގައި މިލަދޫ އަދި ދެވަނަ ޓީމްގެ ގޮތުގައި ލަންދޫއަށެވެ.
މުބާރާތުގައި މާދަމާ ވާދަކުރާނީ ގްރޫޕް ދޭއްގެ މަގޫދޫއާއި ކުޑަފަރިއެވެ.