ފުވައްމުލަކު ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ނެދަލޭންޑްސްގެ އެންޓަރޕްރައިސް އެޖެންސީ 10.7 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދީފިއެވެ. މި ފައިސާ މިއަދު ވަނީ ދިވެހި ސަރުކާރާއި ހަވާލުކޮށްފައެވެ.
ޏ.ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމަށް ނެދަލޭންޑްސްގެ އެންޓަރޕްރައިސް އެޖެންސީ ( އޯރިއޯ) ވަނީ 10.7 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދީފިއެވެ. މި އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރުއެވެ. ނެދަލޭންޑްސްގެ ފަރާތުން ސޮއިކުރެއްވީ ލަންކާގައި ހުންނަ ނެދަލޭންޑްސްގެ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން މިސް އީވާ ވޭން ވޯސަމްއެވެ.
img:http://s2.psmnews.mv/images/660x400/15118828488630.jpg|
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ، ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް 2014 ވަނަ އަހަރުން ފެށިގެން ކުރަމުންދާކަމަށެވެ. ކުވައިތް ފަންޑާ ޕީއެސްއައިޕީ ބަޖެޓާއި، އޮރިއޯން ލިބުނު ފައިސާއާއި އެކު މި މަޝްރޫޢަށް ބޭނުންވާ ފައިސާ މިހާރު ހަމަވެފައިވާކަން މިނިސްޓަރ މުނައްވަރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން ފުވައްމުލަކުގެ 2650 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލައި ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެއެވެ. އެންވަޔަރަމެންޓް މިނިސްޓަރ ތާާރިޤް އިބްރާޙީމް ވިދާޅުވީ ފުވައްމުލަކީ ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެއްކަމަށާއި މި މަޝްރޫޢުގެ ނިމުމުން އެ މައްސަލަ މުޅިން ހައްލުވެގެންދާނެކަމަށެވެ. މިނިސްޓަރ ތާާރިޤް ވިދާޅުވީ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ.
img:http://s1.psmnews.mv/images/660x400/15118828185989.jpg|
"މި ހަތަރު އަހަރުގެ ތެރޭގައި، މަޝްރޫޢުއަށް ފައިސާ ހަމަޖެއްސުމާއި، އެންވަރރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތްތަކާއި، ޑިޒައިންގެ މަސައްކަތްތަކާއި ފީސިބިލިޓީ ސްޓަޑީސްތައް މިވަނީ ހެދިފައި. މިހާރު ކުރިއަށްދަނީ ޑީޓެއިލް ޑްރޯއިންތައް ހެދުމާއި ޓެންޑަރ އަށް ހުޅުވާލުމަށް ކުރަމުންދާ މަސައްކަތްތައް. ޓަރގެޓަކީ އަންނަ ޖުލައިމަހުގެ ފަހުކޮޅު ޢަމަލީ މަސައްކަތް ފެށުން." މިނިސްޓަރ ތާާރިޤް އިބްރާޙީމް ވިދާޅުވިއެވެ.
ނެދަލޭންޑްސް އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން މިސް އީވާ ވޭން ވޮރސަމް ވިދާޅުވީ ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު، ބިންތިރި ޤައުމަކަށް މީ ވަރަށް މުހިންމު މަޝްރޫޢުއަކަށް ވެގެންދާނެކަމަށެވެ.
މި މަޝްރޫޢުގެ ޖުމްލަ އަގަކީ 25.5 މިލިއަން ޑޮލަރެވެ.