ތަޢުލީމު

ވިލާ އިންޓަނޭޝަނަލް ހައި ސުކޫލުން 50 ކުދިންނަށް ސްކޮލަރޝިޕް ދެނީ


ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ގެރޭޑް އެގާރައަށް އަލަށް ވަންނަ ދަރިވަރުންގެ ތެރެއިން އެންމެ ނަތީޖާ ރަގަޅު 50 ކުދިންނަށް ސްކޮލަރޝިޕް ދިނުމަށް އެ ސްކޫލުން ނިންމައިފިއެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަޙްމަދު ވިދާޅުވީ ސްކޮލަރޝިޕް ލިބޭނީ އޯލެވެލްގެ ގަދަ 3 ގައި ހިމެނުނު ދަރިވަރުންނަށްކަމަށެވެ. މީގެ އިތުރުން މާއްދާތަކުން ދުނިޔޭގެ ފަންވަރުގައި 1 ވަނަ ހޯދާފައިވާ ދަރިވަރުންނާއި ކުޅިވަރުގެ ރޮނގުން ޤައުމީ ފެންވަރުގައި 1 ވަނަ ހޯދައިފައިވާ ދަރިވަރުންނަށްވެސް މި ސްކޮލަރ ލިބޭނެކަމަށް ސައީދު ވިދާޅުވިއެވެ. އަދި ވިލާ ހައި ސްކޫލުން ކިޔަވަން ބޭނުންވާ ކުދިންގެ ތެރެއިން އޯލެވެލްގެ ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނަގާނެކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ބުނީ މި އަހަރުގެ އޯ ލެވެލްގެ ނަތީޖާ ދޫކުރުމާއެކު، އެ ސްކޫލަށް ވަނުމުގެ ފުރުސަތު ހުޅުވާލާނެކަމަށެވެ. މިގޮތުން އަންނަ ޖެނުއަރީ 17 އިން 28ގެ ނިޔަލަށް ފޯމްތައް ބަަލައިގަންނާނެކަމަށްވެސް އެ ސްކޫލުން ބުނެއެވެ.

 ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ އޭލެވެލް ކިޔެވުން ފށޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ގައެވެ.