ޚަބަރު

"ސަރަހައްދީ އެންމެ ވަރުގަދަ ސިވިލް ސަރވިސްއަށް ވުމަކީ އަމާޒެއް"


ސިވިލް ސަރވިސް ކޮމިޝަންގެ ޢަމާޒަކީ ސާރކްގެ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ކުރިއަރާފައިވާ ބަޔަކަށް ދިވެހި ސިވިލް ސާރވިސް ހެދުންކަމަށް އެކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމް ވިދާޅުވީ، ދިވެހި ސިވިލް ސަރވިސް އިތުރަށް ވަރުގަދަކޮށް ތަރައްޤީކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެކޮމިޝަނުން ކުރަމުންދާކަމަށެވެ. އެގޮތުން އެންމެ އިސްކަމެއްދީގެން ކުރަމުންދާ އެއްކަމަކީ ސިވިލް ސަރވިސް މުވައްޒަފުންގެ ފެންވަރު މަތިކުރުމުގެ މަސައްކަތްކަމަށް ޑރ. ޝަމީމް ވިދާޅުވިއެވެ. މިމަސައްކަތްތަކުގެ ޢަމާޒަކީ ސާރކްގެ ޤައުމުތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ސިވިލް ސަރވިސް އަކަށް  ދިވެހި ސިވިލް ސަރވިސް ހެދުންކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގައި ދިރާސާކުރުމުގެ ފަންނު ދިރުވުމަށް، ބޭރުގެ ބައެއް ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ޑރ. ޢަލީ ޝަމީމް ވިދާޅުވިއެވެ.

"ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓްގައި ރިސާރޗް ފެސިލިޓީ ޤާއިމުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. މިމަސައްކަތަތުގައި އިންސްޓިޓިއުޓްގައި ލައިބްރަރީއެއް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުން. އަދި ދައުލަތުގެ އޮފީސްތަކަށް ދޭންޖެހޭ ކޮންސަލްޓެންސީ ދިނުމުގެ މަސައްކަތްވެސް މިދަނީ ކުރަމުން" – ޑރ. ޝަމީމް ވިދާޅުވިއެވެ.

ސިވިލް ސަރވިސް ތަރައްޤީކޮށް މުވައްޒަފުން ތަމްރީނުކުރުމަށްޓަކައި، ޕާކިސްތާނާއި، އެކުވެރި ޢަރަބި ޢިމާރާތުގެ ސިވިލް ސަރވިސް އާއި ގުޅިގެން ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް ޑރ. އަލީ ޝަމީމް ވިދާޅުވިއެވެ.