ބައިނަލް އަޤްވާމީ ފެންވަރެއްގައި ޒުވާނުންގެ ފޯރަމެއް ބޭވުމުގެ މަސައްކަތް ކުރަމުންދާކަމަށް ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެ. މިނިސްޓަރ މިހެން ވިދާޅުވީ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ބާއްވާ ޔޫތް ފޯރަމް 2017 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން.
ޒުވާނުން ދުވަހާއި ގުޅުވައިގެން ބާއްވާ ޔޫތް ފޯރަމް ފަށާފައިވަނީ ސަތޭކައަށް ވުރެ ގިނަ ބައިވެރިންނާއި އެކުއެވެ. މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ޔޫތް ފޯރަމް. މި ފޯރަމްއަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުންގެ ހިއްސާ މިހާރަށްވުރެ ބޮޑަށް އިތުރުކުރުމަށް ކުރިއަށްގެންދާ ފޯރަމެއްކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.
މި ފޯރަމްގައި ތަޢުލީމީ ދާއިރާއާއި، ތިމާވެށީގެ ދާއިރާއާއި، ކުޅިވަރާއި، އިޖްތިމާއީ ދާއިރާއާއި، ވިޔަފާރިއާއި، ދީނީ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރަން ވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތަކުގައި މި ދާއިރާތަކުގައި ޢަމަލުކުރަމުން އަންނަ ސިޔާސަތުތަކާއި، އެ ސިޔާސަތުތަކާއި މެދު ޒުވާނުންގެ ޙިޔާލުހުރި ގޮތްތަކާއި، މި ދާއިރާތައް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.
img:http://s2.psmnews.mv/images/660x400/15118544895217.gif|
ޔޫތް ފޯރަމް 2017 އިފްތިތާޙް ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޔޫތް މިނިސްޓަރ އިރުތިޝާމް ޢާދަމް ވިދާޅުވީ މި ފޯރަމްގައި މަޝްވަރާކުރާ ކަންކަން ރިޕޯޓެއްގެ ގޮތުގައި އެކުލަވާލައްވާނެކަމަށެވެ. އަދި މި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާނެކަމަށްވެސް މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.
"މި ފޯރަމަކީ ރަޢީސްގެ ވަރަށްބޮޑު އިސްނެންގެވުމަކާއި އެކު ކުރިއަށްގެންދާ ފޯރަމެއް. މި ފޯރަމްގައި ކުރިއަށްދާ ޕެނަލް ޑިސްކަޝަންގައި ހިއްސާކުރާ ހިޔާލުތަކާއި، ސުވާލުތަކާއި ގުޅޭގޮތުން އިތުރަށް މަޝްވަރާކޮށް މި ފޯރަމާއި ގުޅޭ ރިޕޯޓެއް ހުށައަޅާނަން. މީގެ ސަބަބުން ޤައުމުގެ ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގައި ވަރަށްބޮޑު އެހީއަކަށްވެގެންދާނެ." މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.
މި ފޯރަމްގައި މޮޑަރޭޓް ކުރައްވަނީ ފޮރިން މިނިސްޓްރީގެ އަންޑަރ ސެކްރެޓަރީ އަޙްމަދު ހަސަން ދީދީ އެވެ. މި މަޝްވަރާ ފޯރަމްއަކީ ސިޔާސަތުތައް އެކުލަވާލުމުގައި އިތުރު އާ ހިޔާލުތައް ލިބިގެންދާނެ ފޯރަމަކަށް ވެގެންދާނެކަމަށް ހަސަން ދީދީ ވިދާޅުވިއެވެ.
img:http://s1.psmnews.mv/images/660x400/15118545139660.gif|
އެއް ދުވަހަށް ކުރިޔަށްދާ މި ޔޫތް ފޯރަމްގައި މާލޭގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުން ދަރިވަރުން ބައިވެރިވެއެވެ.