ދުނިޔެ

ޖެނީވާގައި ފަށާފައިވާ ވާހަކަތަކުގައި ސޫރިޔާއިން ބައިވެރިވާނެ


ޖެނީވާގައި ފަށާފައިވާ ސޫރިޔާގެ ސުލްހައިގެ ވާހަކަތަކުގެ އަށްވަނަ ބުރުގައި ބައިވެރިވާނެކަމަށް ސޫރިޔާ ސަރުކާރުން ކަށަވަރުކޮށްދީފިއެވެ.

އދގެ ބެލުމުގެ ދަށުން ޖެނީވާގައި އަންގާރަ ދުވަހު ފެށި ސުލްހައިގެ ވާހަކަތަކުގެ އަށްވަނަ ބުރުގައި ސޫރިޔާގެ ވަފުދެއް ބައިވެރިވާނެ ކަމަށާ އެވަފްދު ޖެނީވާއަށް ދާނީ ބުދަ ދުވަހުކަމަށް، ސޫރިޔާ ސަރުކާރާ ހަވާލާދީ އެ ޤައުމުގެ ރަސްމީ ނޫސް އެޖެންސީ "ސާނާ" އިން ބުނެފައިވެއެވެ.

ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ ސޫރިޔާގެ ރަސްމީ ވަފުދުގެ ވެރިއަކަށް ހުންނަވާނީ އދގައި ހުންނަވާ ސޫރިޔާގެ ދާއިމީ މަންދޫބު ޑރ. ބައްޝާރުލް ޖަޢުފަރީ ކަމަށްވެސް ސޫރިޔާ ސަރުކާރުން ބުނެއެވެ.

ޖެނީވާގައި ފަށާފައިވާ ސޫރިޔާގެ ސުލްހައިގެ ވާހަކަތަކުގެ ބޭނުމަކީ ސޫރިޔާގެ މައްސަލައަށް ސިޔާސީ ޙައްލެއް ގެނައުމެވެ. މިކަމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ފޭބުމަށް އިދިކޮޅު ފަރާތްތަކުން ޝަރުތުކުރުމެވެ.

ސޫރިޔާގެ ހަނގުރާމައިގައި އިދިކޮޅު ފަރާތްތައް ބަލިވެފައިވާއިރު އިދިކޮޅު ފަރާތްތަކުގެ ޝަރުޠުތައް ސޫރިޔާ ސަރުކާރުން ޤަބޫލުކުރުމަކީ ފަސޭހަކަމަކަށް ނުވާނެކަން ސޫރިޔާ ސުލްހައިގެ ވާހަކަތައް ސްޕޮންސަރ ކުރާ ބައިނަލްއަޤުވާމީ ފަރާތްތަކުން ދެކެއެވެ.

ސޫރިޔާ ސަރުކާރުގެ ވަފުދު ޖެނީވާއަށް ދިޔުން ލަސްކޮށްލީވެސް ރައީސް ބައްޝާރުލްއަސަދު ވެރިކަމުން ފޭބުމަށް އިދިކޮޅު ފަރާތްތަކުން ބާރުއަޅަމުންދާތީކަމަށް ސޫރިޔާގެ މަސްއޫލުވެރިން ވިދާޅުވިއެވެ.