ދުނިޔެ

އިސްލާމީ އަސްކަރީ އިއްތިހާދުގެ ބައްދަލުވުން


މިސްރުގެ ސީނާ ސަރަހައްދުގެ މިސްކިތަކަށް ހައްދު ފަހަނަޅާފައިވާ ބަޔަކު ދާދިފަހުން ދިން ޓެރަރިސްޓް ހަމަލާތަކާގުޅިގެން، ހަރުކަށި ޖަމާއަތްތައް ނައްތާލުގެ ޢަޒުމު އިސްލާމީ އަސްކަރީ އިއްތިހާދުގައި ވަރުގަދަވެގެން ހިނގައްޖެކަމަށް ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.

ސައުދީ ޢަރަބިޔާގެ ރިޔާޒްގައި ބޭއްވި އެ އިއްތިހާދުގެ ޤައުމުތަކުގެ ދިފާޢީ ވަޒީރުންގެ ބައްދަލުވުން ނިންމުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން މުހައްމަދު ބިން ސަލްމާން ވިދާޅުވީ، ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ދިޔުމާއި ޓެރަރިޒަމްގއ ޢަމަލުތައް ހިންގުން ހުއްޓުވަންޖެހޭ ކަމަށާއި ސައުދީ ޢަރަބިޔާ އިސްކޮށް އޮވެގެން ޓެރަރިޒަމާ ދެކޮޅަށް އުފައްދާފައިވާ އިސްލާމީ އަސްކަރީ އިއްތިހާދުން ހަރުކަށި ފިކުރު ހުއްޓުވައި، އޭގެ ބަދަލުގައި އިސްލާމީ މެދުމިނުގެ ފިކުރު ފަތުރާނެކަމަށެވެ.

ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި އިސްލާމީ ސާޅީހަށްވުރެ ގިނަ ޤައުމު ހިމެނޭގޮތަށް ސައޫދީ ޢަރަބިޔާ އިސްކޮށް އޮވެގެން އުފައްދާފައިވާ އިސްލާމީ އަސްކަރީ އިއްތިޙާދަށް ދެ އަހަރު ފުރިފައިވާއިރު، އެ އިއްތިހާދުން ވަނީ ޓެރަރިޒަމާ ދެކޮޅަށް ގެންގުޅޭނެ ސްޓްރެޓެޖީއެއް އެކުލަވާލާފައެވެ.

މި ސްޓްރެޓެޖީ ބިނާކޮށްފައިވަނީ އިސްލާމްދީނުގެ ނަމުގައި ހަރުކަށި ޖަމާއަތްތަކުން ގެންގުޅޭ ފިކުރުތައް ނައްތާލައި އޭގެ ބަދަލުގައި އިސްލާމީ މެދުމިނުގެ ފިކުރު ފަތުރައިގެން ހަރުކަށިކަމާއި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގެ މައްޗަށެވެ. ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވީ މުޅި ދުނިޔެއިން ޓެރަރިޒަމް ނައްތާލާނެ ކަމަށާއި، ޓެރަރިޒަމް ނައްތާލެވެންދެން އިސްލާމީ އަސްކަރީ އިއްތިހާދު ދެމިއޮންނާނެކަމަށެވެ.

އަދި ދީނުގެ ނަމުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމާއި ފިތުނަ އާއި ނަފްރަތު އުފެއްދުމާއި ކުށެއްނެތް މީހުން މެރުމާއި، މިސްކިތްތަކަށް ހަމަލާދީ ގަތުލުއާންމުތައް ހިންގައިގެން މާތްވެގެންވާ އިސްލާމް ދީނުގެ ނަން ހުތުރުކުރުމުގެ ފުރްސަތު ހަރުކަށިފަރާތްތަކަށް ނުދޭނެ ކަމަށްވެސް މުހައްމަދު ބިން ސަލްމާން ވިދާޅުވިއެވެ.

އިސްލާމީ އަސްކަރީ އެލަޔަންސްގެ ދިފާއީ ވަޒީރުންގެ ބައްދަލުވުން ނިންމުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޖަމާއަތުގެ އަމީން އާންމު މޭޖަރ ޖެނެރަލް އަބްދުލްއިލާހް އައްޞާލިޙް ވިދާޅުވީ، ތަކްފީރީ ފިކުރުގެ ޝިކާރައަކަށް ވެފައިވާ ޒުވާނުން ފާއިތުވި އަހަރުތަކުގައި އިތުރުވެފައިވާކަމީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. ނަމަވެސް އެމީހުންނާ ދެކޮޅަށް ހަމައެކަނި ބާރުގެ ބޭނުންކޮށްގެން ޓެރަރިޒަމް ނުހުއްޓުވޭނެ ކަމަށާއި ބާރުގެ ބޭނުންކުރުމާއެކު ހަރުކަށި ފަރާތްތައް ރިހެބިލިޓޭޓްކޮށް އެ މީހުންގެ ހިތްތަކުގައި މެދުމިނުގެ ފިކުރު އަށަގަންނެވުމަށް އެ އިއްތިހާދުން މަސައްކަތްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މެދުމިނުގެ އިސްލާމީ ފިކުރު ފަތުރައިގެން މެނުވީ ހައްދުފަހަނަޅާދިޔުމުގެ ވަބާއިން މުސްލިމް ޒުވާނުންގެ ޖީލުތައް ސަލާމަތް ނުކުރެވޭނެ ކަމަށްވެސް މޭޖަރ ޖެނެރަލް އަބްދުލްއިލާހް އައްސާލިޙް ވިދާޅުވިއެވެ.