ދުނިޔެ

މިސްރަށް ދިން ހަމަލާ ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުށްވެރިކޮށްފި


މިދިޔަ ހުކުރު ދުވަހު މިސްރުގެ ސައިނާގައި ހުންނަ މިސްކިތަކަށް އަމާޒުކޮށް ހަނގުރާމަވެރިންގެ ބަޔަކު ދިން ނުރައްކާތެރި ހަމަލާ ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނާއި އެކި ޖަމާޢަތްތަކުގެ އިސްވެރިން ކުށްވެރިކުރައްވައިފިއެވެ.

ސައިނާގައި ހުންނަ ޢައްރައުދާ މިސްކިތަށް ދިން ހަމަލާގައި 300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މުޅި ދުނިޔެ ވެސް ސިއްސުވާލި މި ހަމަލާއަކީ ފަހުގެ ތާރީޚުގައި މިސްރުގެ މިސްކިތަކަށް ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. މި ހަމަލާގައި މަރުވި މީހުންގެ އަދަދު 305 އަށް އަރާފައިވާ އިރު މީގެ ތެރޭގައި 27 ކުޑަކުދިން ވެސް ހިމެނެއެވެ. މޫނު ފޮރުވައިގެން، އަސްކަރީ ހެދުމުގައި ތިބި 25  ނުވަތަ 30  ހަނގުރާމަވެރިން ދިން މި ހަމަލާގައި 127  މީހުން ޒަޚަމްވެފައިވެއެވެ. މި ހަމަލާ ތަހްޤީޤުކުރަމުންދާ، މިސްރުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ހަމަލާ ދިން މީހުން ތިބީ އައި.އެސް.ގެ ދިދަ ހިފައިގެންކަމަށެވެ. އެހެންނަމަވެސް އައި.އެސް އިން މި ހަމަލާގެ ޒިންމާ ރަސްމީކޮށް އުފުލާފައެއް ނުވެއެވެ.

ސައިނާގައި ހުންނަ މި މިސްކިތަށް ދިން ހަމަލާ ދުނިޔޭގެ ގިނަ ލީޑަރުން މިވަނީ ކުށްވެރިކުރައްވާފައެވެ. މި ގޮތުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި ބޮޑު ވަޒީރު ލީ ކެޗިއާންގްވެސް މިސްރުގެ ރައީސް ޢަބްދުލް ފައްތާހް ޢަލް ސިސީ އަށް ތައުޒިޔާގެ މެސެޖް ފޮނުއްވިއެވެ. މި ހަމަލާއަށް ފަހު ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިން ވިދާޅުވީ، އަޅުކަމުގައި މަސްއޫލުވެގެން ތިބި ޢާއްމުންނަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކަކީ އަނިޔާވެރިކަމުގެ ހައްދުފަހަނައަޅާފައިވާ ޢަމަލުތައް ކަމަށާއި އެކަންކަން ހުއްޓުވުމަށް ރަޝިޔާއިން އޮތީ، މިސްރާއެކު މަސައްކަތްކުރަން ތައްޔާރަށް ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ނެރުއްވި ބަޔާނުގައި ބުނެފައިވަނީ، ދީނަށްޓަކައި ކަމަށް ބުނެ އަޅުކަންކުރާ ތަނަކަށް ހަމަލާދީ އަޅުކަން ކުރަން ތިބި އެތައް ސަތޭކަ ބަޔަކު މަރާލާ ފަރާތްތަކުން ދައްކާނެ އެއްވެސް ބަހަނާއެއް ނޯންނާނެކަމަށެވެ. މި ޙާދިސާއަށް ފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، މިސްރަށް ދިމާވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި އިންޑިއާއިން އަބަދުވެސް މިސްރާއެކު ސާބިތުކަމާއެކު ހުންނާނެ ކަމަށެވެ. ކުވައިތުގެ ޢަމީރު ޝޭޚް ސަބާޙް އަލް އަހްމަދު ޢަލް ޖައްބާރް ޢަލް ސަބާޙް ނެރުއްވި ބަޔާނުގައި ވިދާޅުވީ، ދީނީ އުސޫލުތަކާ އިންސާނިއްޔަތުގެ ހައްދުފަހަނައަޅައި މިފަދަ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި މިސްރުގެ ސަލާމަތަށްޓަކައި އެ ޤައުމުން އަޅާ ފިޔަވަޅުތަކަށް ކުވައިތުން އެއްބާރުން ދޭނެ ކަމަށެވެ.

މިސްރުގެ ސައިނާގެ މިސްކިތަކަށް ދިން މި ނުރައްކާތެރި ހަމަލާއާ ވިދިގެން އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ފަށާފައެވެ.