ދުނިޔެ

މިނިވަންކަމުގެ ޖިހާދު ހުއްޓާނުލާނެކަމަށް ހަމާސް ޖަމާޢަތުން ބުނެފި


ފަލަސްތީނުގެ ދާޚިލީ ސުލްޙައަށްޓަކައި ކޮންމެ ޤުރުބާނީއެއްވެސް ވާން ތައްޔާރަށް އޮތްކަމުގައިވާ ނަމަވެސް އިސްރާއީލުގެ އިސްތިޢުމާރާ ދެކޮޅަށް ކުރާ މިނިވަންކަމުގެ ޖިހާދު ހުއްޓާނުލާނެކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.

ޙަމާސްގެ ސިޔާސީ އިދާރާގެ އިސް މެންބަރެއްކަމަށްވާ ޚަލީލް އަލްހައްޔާ ވިދާޅުވީ ފަލަސްތީނުގެ ދާޚިލީ ސުލްޙައަށްޓަކައި، ފަތަޙަ ޖަމާއަތާއެކު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ހަމާސް އިން ޢަމަލުކުރަމުން ގެންދާނެކަމަށާއި، އެ އެއްބަސްވުމުގައިވާ ގޮތަށް ޣައްޒާ ފަލަސްތީނުގެ ސަރުކާރާ ހަވާލުކޮށް، އާންމު އިންތިޚާބު ބޭއްވުމަށްޓަކައި ކުރަންޖެހޭ ކަންކަން ހަމާސްއިން ކުރަމުންގެންދާ ކަމަށެވެ. އެހެންނަމަވެސް ފަލަސްތީނުގެ ބިންތަކުން އިސްރާއީލުގެ ބާރުތައް ފައިބާ، ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ފުރުސަތު ދިނުމުގެ ކުރިން، އިސްރާއީލާ ދެކޮޅަށް ކުރާ މިނިވަންކަމުގެ ޖިހާދު ހުއްޓާނުލާނެ ކަމަށާއި ހަމާސްއިން ހަތިޔާރުވެސް ނުބަހައްޓާނެކަމަށް ޚަލީލް އަލްހައްޔާ ވިދާޅުވިއެވެ.

އިސްރާއީލާއި އެމެރިކާ ގެންދަނީ ޙަމާސްއިން ހަތިޔާރު ނިގުޅައިގަތުމަށް ފަލަސްތީނުގެ ވެރިކަމުގެ އިދާރާއަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ. މި ގޮތުން ފަލަސްތީނުގައި އުފައްދާ އިންތިޚާބީ ސަރުކާރެއްގައިވެސް ޙަމާސް ބައިވެރިނުކުރުމަށް އެމެރިކާ އާއި އިސްރާއީލުން ފަލަސްތީނަށް ބާރުއަޅަމުން ގެންދާތީ، ފަލަސްތީނުގެ މަސްއޫލުވެރިންވެސް ވަނީ ހަތިޔާރު ދޫކޮށްލުމަށް ހަމާސް އަށް ގޮވާލައްވާފައެވެ.