ސިޔާސީ

ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ މިއަދު ބާއްވައިފި






ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ މިއަދު ބާއްވައިފިއެވެ. މި ޖަލްސާގައި މެމްބަރުންނަށް ވާހަކަދައްވަން ފުރުސަތު އެރުވުމުން މެމްބަރުންވަނީ ނިމިގެންދިޔަ މަޖިލީހުގައި ކުރެވިފައިވާ މަސައްކަތްތަކާއިމެދު ހިތްހަމަޖެހިވަޑައިގެން ތިއްބެވިކަމަށް ވިދާޅުވެފައެވެ. އަދި މިއީ ރައްޔިތުން މަޖިލީހުގެ ހަޔާތުގައިވެސް މިހާތަނަށް މަސައްކަތްކުރި އެންމެ ކާމިޔާބު މަޖިލިސްކަމަށް އެބޭފުޅުން ވިދާޅުވިއެވެ.


 ނިމިގެން މިދިޔަ ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދައި ފުރަތަމަ ފަހަރަށް އިންތިޚާބުކުރެވުން ރައްޔިތުންގެ މަޖިލީހެވެ. އަދި މިއީ މަޖިލީހުގެ ހަޔާތުގައިވެސް އެންމެ ގިނަ ބިލްތައް ފާސްކުރި މަޖިލީހެވެ.
އަލަށް އުފެދުނު ޑިމޮކްރަސީއާއި ގުޅިގެން އެކުލަވާލަންޖެހުނު ވަރަށް ގިނަ ގާނޫންތައް މިމަޖިލީހުންވަނީ ފާސްކޮށްފައެވެ.  ހަމައެއާއެކު ނިމިގެން މިދިޔަ ރައްޔިތުންގެ މަޖިލީހަކީ މުޅި މަޖިލީހުގެތާރީޚްގައިވެސް އެންމެ ބޮޑު ހަމަނުޖެހުންތަކެއްގެތެރެއަށް ވެށްޓުނު މަޖިލީހެވެ. ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވަމުންދިޔައިރު ހިންގާފައިވާ ދެކޮޅުވެރިކަމާއި މަޖިލީހުގެ ތަކެއްޗަށް ގެއްލުންދިނުމާއި އިހްތިޖާޖްކުރުމާއި މެމްބަރުންގެ ސްލޫކީ މައްސަލަތަކަކީ ފާހަގަކުރެވިގެންގޮސްފައިވާކަންކަމެވެ. އެހެންވިޔަސް ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ނަޒަރުގައި 17 ވަނަ ރައްޔިތުން މަޖިލީހަކީ އުފެއްދުންތެރި މަސައްކަތްތަކެއް ކުރި މަޖިލީހެކެވެ. މަޖިލީހަށް 266 ބިލް ހުށަހެޅި 75 އިންސައްތަ ބިލް މަޖިލީހުން ފާސްކޮށްފައިވާކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝަހިދު ވިދާޅުވިއެވެ.


ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު 266 ބިލްގެ ތެރެއިން 115 ބިލް ވަނީ ފާސްކޮށްފައެވެ. 14 ބިލެއް ބާތިލްކޮށްފައިވާއިރު، 36 ބިލެއް ވަނީ އަނބުރާ ގެންގޮސްފައެވެ. އަދި 31 ބިލެއް ބަލައިނުގަންނަން މަޖިލީހުން ނިންމާފައިވާއިރު، 5 ބިލެއް ވަނީ ފުރަތަމަ ކިޔުން އިއްވާފައެވެ. އެހެންކަމުން 17 ވަނަ ރައްޔިތުންގެ މަޖިލީސް ނިމިގެންދާއިރު ނުނިމި ވަނީ ފަސް ބިލެކެވެ. މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އެ ބިލްތައް މަޖިލީހުން ނިންމާނުލެވުނީ ބިލްތައް ނިންމާލެވޭހާ ވަގުތު ހުއްޓާ ބިލްތައް ހުށަހަޅާފައި ނުވާތީކަމަށެވެ.


ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް 328 މައްސަލަ ހުށަހަޅާފައިވާއިރު، 94 ޕަސަންޓް މައްސަލައިގައި މަޖިލީހުން ވަނީ ގޮތެއް ނިންމާފައެވެ. މަޖިލީހަށް ހުށަހެޅުނު 41 ގަރާރުގެތެރެއިން 81 އިންސައްތަ ގަރާރާ މެދު މަޖިލީހުން ވަނީ ގޮތެއް ނިންމާފައެވެ.


17 ވަނަ މަޖިލީހުގައި ނިންމި މުހިއްމު މަސައްކަތްތަކަށް ބަލާއިރު، މިމަޖިލީހުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓެކުސްގެ ނިޒާމް ތައާރަފްކުރިއެވެ. މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދާއި، އާމްދަނީ އިތުރު ކުރުމުގެ ބިލްތަކުގެ އިތުރުން، އަށް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން މަޖިލީހުގައި އޮތް ގާނޫނުލް އުގޫބާތާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލްތަކަކަށް އަމަލުކުރުމާ ބެހޭ ބިލް ފާހަގަކޮށްލެވެއެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބިލާއި، ގެވެށިއަނިޔާ ހުއްޓުވުމުގެ ބިލާއި، މަސްތުވާތަކެއްޗާ ގުޅޭ ބިލްތަކާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލާއި، ގޭންގް ކުށްތައް މަނާކުރުމުގެ ބިލާއި މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ބިލާއި މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ބިލާއި ވިޔަފާރީގެ ދާއިރާއާ ގުޅުން ހުރި ބިލްތައް ފާސްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.



އަލަށް ހޮވުނު ރައްޔިތުން މަޖިލީހުގެ ހުވާކުރުމަށް ހަމަޖެހިފައިވަނީ މިފެށޭ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. 17 ވަނަ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އަށާވަރަ މަޖިލީހަށް 31 މެމްބަރަކުވަނީ އަލުން ހޮވިފައި. ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 77ކެވެ. ނަމަވެސް އަލަށް އިންތިހާބު ކުރެވުނު ރައްޔިތުންގެ މަޖިލީހުގައި 85 މެމްބަރުން ތިއްބަވާނެއެވެ.