ޚަބަރު

ނެރެ އެއްލައިލީމާ ހިޔާވަހިކަން ހޯދުމަކީ ކުށެއް ނޫން: ޑރ. ޝަހީމް


އަދާލަތު ޕާޓީގައި ހުންނަވަނިކޮށް، "ނެރެ އެއްލައިލީ" ކަމަށް ވިދާޅުވެ، އަދާލަތު ޕާޓީގެ އިސްވެރިންނަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފާޑުވިދާޅުވެއްޖެއެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު އަދާލާތު ޕާޓީގެ އިސްވެރިންނަށް ނުސިދާކޮށް ފާޑުވިދާޅުވެފައިވަނީ ޓްވިޓަރ މެދުވެރިކުރައްވައެވެ.

އަދާލަތު ޕާޓީގެ ޚާރިޖީ ކޮމެޓީގެ ރައީސްގެ މަޤާމު މީގެކުރިން އަދާކުރެއްވި ޝަހީމް އެ ޕާޓީން ވަކިވެވަޑައިގަތީ މި އަހަރުގެ މަހުގެ 14ވަނަ ދުވަހުއެވެ.

އަދާލަތު ޕާޓީން ވަކިވެވަޑައިގަތުމަށްފަހު ޝަހީމްގެ ވިދާޅުވެފައިވަނީ އަދާލަތު ޕާޓީން ވަކިވެވަޑައިގަތީ ވޭތުވެދިޔަ ދެތިން އަހަރެއްހާ ދުވަހުގެ ޚިޔާލު ތަފާތުވުމަށްފަހުގައެވެ. އަދި އަދާލަތު ޕާޓީން ވަކިވެވަޑައިގަތް ނަމަވެސް އެ ޕާޓީގެ އެއްވެސް ފަރާތަކަށް އެ ބޭފުޅާގެ ހިތުގައި އެއްވެސް ނުތަނަވަސް ކަމެއް ނުގެންގުޅުއްވާނޭ ކަމަށެވެ.

ސިޔާސީ ހަރަކާތްތަކުން ދުރަށް ވަޑައިގަތީކަމަށް ވިދާޅުވުމަށްފަހު ސަރުކާރުގެ ބައެއް ޖަލްސާތަކުގައި ޝަހީމް ބައިވެރިވަޑައިގަންނަވަމުން ދާތީ އަދާލަތު ޕާޓީން ދަނީ ފާޑުކިޔަމުންނެވެ. މި ފާޑުކިއުންތަކަށް ރައްދު ދެއްވާ ޝަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކުއްޖަކު އޭނާގެ އަމިއްލަ ގޭގައި އުޅެނިކޮށް އެގޭގެ ބައެއް އަހުލުވެރިން އެގެއިން އޭނާ ނެރެ އެއްލާލުމުން، އެހެން ތަނަކުން އެ ކުއްޖާ ގޮސް ހިޔާވަހި ކަމެއް ހޯދުމަކީ އެ ކުއްޖާގެ ކުށެއް ނޫން ކަމަށެވެ.

ޝަހީމްގެ މި ޓުވީޓުން އެގޭ ގޮތުގައި ޝަހީމް އަދާލަތު ޕާޓީ ސިފަކުރައްވާފައިވަނީ އަމިއްލަ ގެއެއް ފަދައިންނެވެ. ކޮންމެ އިންސާނަކުވެސް އެމީހަކު ދިރިއުޅޭ އެމީހެއްގެ ވަޒަން ދެކެ ލޯބިވާނެކަން ޔަގީނެވެ. ޝަހީމްގެ އެ ޓުވީޓުން އިތުރު އެހެން ކަމެއްވެސް ފާހަގަކުރެވެއެވެ. އެއީ އަދާލަތު ޕާޓީން އޭނާ ނެރެ އެކަހެރިކޮށް އެއްލާލުމުން އޭނާގެ ހިތަށް އެކަމުން އަސަރު ކުރި ކަމެވެ.

ޝަހީމަކީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ވެރިކަމާއި ރައީސް ޢަބްދުﷲ  ޔާމީން ސަރުކާރުގެވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ޝަހީމަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ދީނީ ޢިލްމުވެރިއެކެވެ. މިއަދު ޝަހީމް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމަނިކުފާނަށް ލިބިފައިވާ ޢިލްމު އެހެން މީހުންނަށް އުގަންނައި ދިނުމަށެވެ.

ޝަހީމް މީގެކުރިންވެސް ވިދާޅުވެފައިވަނީ، އޭނާ ބޭނުންފުޅުވަނީ އިޖްތިމާއީ މަސައްކަތްތަށް ނުކުމެ ދީން ކުރިއެރުވުމަށެވެ. ރާއްޖޭގައި މިހާރު އުފެދިފައިވާ ދީނީ ޚިޔާލު ތަފާތުވުންތަކަށްވެސް ޙައްލު ގެނެސްދެއްވާ، އެކަންކަން ރާއްޖެއިން ފުހެލުމަށް އަދި ދީނުގެ އަސްލުތަކާއި އުޞޫލުތައް ޢާންމުންނަށް އަންގައި ދެއްވުމަށް މިއަދު ޝަހީމް އަންނަނީ ބުރަ މަސައްކަތެއް ކުރައްވަމުންނެވެ.