ޚަބަރު

ބައިނަލްއަޤްވާމީ ފުޓްބޯޅަ އެކެޑަމީއެއް ރާއްޖޭގައި ޤާއިމުކުރަނީ


ވެރިކަމުގެ މިދައުރު ނިމުމުގެ ކުރިން ރާއްޖޭގައި ފުޓްބޯޅަ ކިޔަވައިދޭ ބައިނަލްއަޤަވާމީ ފެންވަރުގެ އެކެޑަމީއެއް ޤާއިމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަތައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ކުޅިވަރަށް ޝައުޤުވެރިކަން ހުންނަ ޒުވާނުންނަށް ފުޓްސަލް ދަނޑުތަކާއި، ސްޕޯޓްސް އެރީނާތައް، އަދި އިތުރު ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ޤާއިމުކުރަމުންދަނީ ޒުވާނުންނާމެދު ދައުލަތުން ކުރާ އުންމީދު ބޮޑުކަމުންކަމަށެވެ. އެގޮތުން ޒުވާނުން އެދޭގޮތަށް ކަންކަން ޤާއިމުކޮށްދިނުމުން ދައުލަތުން ޒުވާނުންގެ ފަރާތުން އެދޭ އެދުމަކީ، ބައިނަލްއަޤްވާމީ މުޖުތަމައުގައި ރާއްޖެއަށް ރީތިނަން ހޯދައިދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ބައިނަލްއަޤްވާމީ އެކި މުބާރާތްތަކުގައި ބައިވެރިވެ މިހާރަށްވުރެ ފަޚުރުވެރި ރަން ވަނަތަކެއް ޒުވާނުން ރާއްޖެއަށް ހޯދައިދިނުމަކީ އެމަނިކުފާނުގެ ވަރަށްބޮޑު އުންމީދެއްކަމަށެވެ. އަދި ރާއްޖޭގައި ޒުވާނުން އެންމެ ޝައުޤުވެރިކަން ހުންނަ ކުޅިވަރަކީ ފުޓްބޯޅަކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުޓްބޯޅަ ކުޅުމަށް ޒުވާނުން ތަމްރީނުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގެ ފުޓްބޯޅަ އެކެޑަމީއެއް އެމަނިކުފާނުގެ ވެރިކަމުގެ މިދައުރު ނިމުމުގެ ކުރިން ޤާއިމުކުރައްވާނެކަމަށެވެ.

ރައީސް ވިދާޅުވީ މިމަސައްކަތް އެފް.އޭ.އެމުން މިހާރުވެސް ކުރަމުންދާކަމަށާއި، އަންނަ އަހަރު މިކަމުގެ ޢަމަލީ މަސައްކަތް ފަށާނެކަމަށެވެ.

"މިހުރިހާ އިންފްރާސްޓްރަކްޗަރެއްގެ ބޭނުމަކަށްވާނީ ކުޅިވަރު ކުޅުމާއެކީ، ރަންވަނަ ތަކެއް ހާސިލްކޮށްދޭނެ ބަޔަކަށް އަޅުގަނޑުމެން އެތްލީޓުން ވެގެން ދިއުން. އަޅުގަނޑުމެން ކޮންޕީޓް ކުރަން މިޖެހެނީ ހަމައެކަނި އޭޝިއާ ސަރަހައްދަކު އެކަންޔެއް ނޫން. މިއަށްވުރެ ދުރަށް އަޅުގަނޑުމެން ދާއިރު އަޅުގަނޑުމެން އެބަޖެހޭ މިސަރަޙައްދުން ރަންވަނަތައް ހޯދާގޮތަށް އެފަރާތްތަކާ ވާދަކޮށްވެސް ރަންވަނަތައް ހޯދުމަށް މަސައްކަތް ކުރަން" ޒުވާނުންނާ މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ހިންގާ ބޮޑެތި ހުރިހާ މަޝްރޫޢެއްވެސް ސީދާ ގުޅިފައިވަނީ ޒުވާނުންނާ ކަމަށެވެ. އެގޮތުން ސަރުކާރުން ފަށާފައިވާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއި، ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު "ހިޔާ"އަކީވެސް ޒުވާނުންނަށް ޓަކައި ހިންގާ މަޝްރޫޢުތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީވެސް ޒުވާނުންނަށް އުންމީދީ ކަންތައްތަކެއް އެކުލެވޭ ބަޖެޓެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.