ޚަބަރު

ގެވެށި އަނިޔާއާއި ގުޅޭ ސަރވޭތަކެއް ކުރަނީ


ގެވެށި އަނިޔާއަށް މީހުން ހޭލުންތެރިވެފައިވާ މިންވަރު ބެލުމަށް މާލެ އަތޮޅު ދެ ރަށެއްގައި ހާއްސަ ސަރވޭއެއް ކުރިޔަށް ގެންދަން ނިންމައިފިއެވެ.ޖެންޑަރ މިނިސްޓްރީން ބުނީ މި ސަރވޭ ކުރިޔަށް ގެންދަނީ އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ފާހަގަކުރާ ބައިނަލް އަޤްވާމީ ދުވަހާއި ގުޅިގެން ފާހަގަކުރާ ކެމްޕެއިންގެ ތެރެއިންކަމަށެވެ. އަދި މި ސަރވޭ ކުރިޔަށް ގެންދާނީ ފުލުހުންނާއި ގުޅިގެންކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ގެވެށި އަނިޔާގެ މައްސަލަތަކަކީ ގިނަ ފަހަރަށް ގޭތެރެއިން ނިކުންނަށް މައްސަލަތައްކަމުން، މިކަންކަމާމެދު އާއްމުންގެ މެދުގައި މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކަން އިތުރުކޮށް، ވިސްނުން ބަދަލުކުރުން މުހިއްމުކަމަށެވެ. އެގޮތުން މި ސަރވޭގެ ތެރެއިން ޖެންޑަރ މިނިސްޓްރީގެ ޓީމްތައް ވަކި ވަކި ގޭބިސީތަކަށް ޒިޔާރަތްކޮށް، ގެވެށި އަނިޔާއާއި މެދު އާއްމުން ހޭލުންތެރިކުރުވުމަށް މަޢުލޫމާތު ދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ."މިއަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަށް ބަލާލާއިރު، މިދުވަހާއި ގުޅިގެން މިނިސްޓްރީން އެބަކުރިއަށްގެންދަން މިކަމާބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށާއި، މިފަދަ ބާވަތުގެ އަނިޔާތަކުގެ މައްސަލައަކީ ގޭ ތެރެއިން ނިކުންނަށް މައްސަލަތަކަށް ކަމަށްވާތީ، ވަކިވަކި ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ހަރަކާތްތަކެއްވެސް. މި 16 ދުވަހުގެ ތެރޭގައި ކ. އަތޮޅުގެ 2 ރަށެއްގެ ހުރިހާ ގެއަކަށް މިނިސްޓްރީގެ ޓީމެއް ފުލުހުންނާއި ގުޅިގެން ޒިޔާރަތްކޮށް މިކަމާގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، މިކަމާބެހޭގޮތުން މީހުންގެ ވިސްނުން ހުރިގޮތް ދެނެގަތުމަށް ސާރވޭއެއްކުރުން އަދި މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި" ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވިއެވެ.

އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަހާއި ގުޅިގެން ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ގެވެށި އަނިޔާއާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމަށް ދުނިޔޭގެ ފެންވަރުގައި އަންނަނީ ބޮޑު ކެމްޕޭނެއް ހިންގަމުންނެވެ. 16 ޑޭސް އޮފް އެކްޓިވިޒަމް"ގެ ނަމުގައި ކުރިއަށްގެންދާ މި ކެމްޕޭންގައި ރާއްޖެއިންވެސް ބައިވެރިވެ، ގިނަ ހަރަކާތްތަކެއް ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދެއެވެ.ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 15 އަހަރާއި 49 އަހަރާއި ދެމެދުގެ ކޮންމެ ތިން އަންހެނަކުން އެކަކަކީ ކޮންމެވެސް ބާވަތަކެއްގެ އަނިޔާއެއްގެ ޝިކާރައަކަށްވެފައިވާ މީހުންނެވެ. ޖެންޑަރ މިނިސްޓްރީއަށް ކޮންމެ މަހަކު ހުށައެޅޭ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާއި، ގެވެށި އަނިޔާގެ މައްސަލަތައް ނުވަތަ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ މައްސަލަތަކުގައިވެސް އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންގެ ނިސްބަތް ފިރިހެނުންނަށްވުރެ ގިނަކަން ފާހަގަކޮށްލެވެއެވެ.