ކުޅިވަރު

ނިއުއާއެކު އަދި އެއްފަހަރު ލީގު ހޯދަން ބޭނުން - ކޯޗު އޮސްކާ


ނިއުރޭޑިއަންޓުގަ ހުރެ އަދި އެއްފަހަރު ދިވެހި ޕްރިމިއާރ ލީގު ކާމިޔާބުކުރަން ބޭނުންވާކަމަށް އެޓީމުގެ ކޯޗު އޮސްކާ ބުނެފިއެވެ. 

މާޒިޔާ ބަލިކޮށް ލީގުގެ ޝީލްޑް އުފުލާލުމަށްފަހު ނިއުގެ ސްޕެއިން ކޯޗު އޮސްކާ ބްރޮޒޮން ބުނީ ކުޅުންތެރިން މިއަދު މިކާމިޔާބީ ފާހަގަކުރުން ހައްޤުކަމަށާއި، މުޅި ލީގުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ ކުލަބުގެ ނަމާއި، ޝަރަފް ދަމަހައްޓަން ކުރި މަސައްކަތްކަމަށެވެ. އޮސްކާ ބުނީ މިދަނޑުމަތިން ފެނިގެންދާ އުފާވެރިކަން އަދި އެއްފަހަރު ކުލަބާއެކު ހިއްސާކުރަން ބޭނުންކަމަށެވެ.

" މިއަދު ފެނިގެން މިދަނީ ކުޅުންތެރިން ކުރި މަސައްކަތް، އެމީހުން ވަރަށް މަސައްކަތްކޮށްފި ކުލަބުގެ ޝަރަފް ދެމެހެއްޓުމަށް. އަހަރެން ބޭނުން މިއުފާވެރިކަން ކުލަބާއެކު އަދި އެއްފަހަރު." ކޯޗު ބުންޏެވެ.

 ރޭގެ މެޗުގެ ކުރިން ވެސް ލީގުގެ ކަށަވަރުވެފައިވާ ނިއުރޭޑިއަންޓަށް މާޒިޔާއާ ދެކޮޅަށް ފުރަތަމަ ހާފްގައި ދެއްކުނީ ދަށް ކުޅުމެއްކަމަށާއި، އެހެންނަމެވެސް ދެވަނަ ހާފްގައި ކުޅުންތެރިން މެޗު ކޮންޓްރޯލްކޮށް ކުޅެންފެށިކަން ކޯޗު ފާހަގަކުރިއެވެ. އޮސްކާ ބުނީ ވާދަވަރންނާ ދޭތެރޭގައި އެއްވެސްވަރަކަށް ނުވިސްނާކަމަށާއި، އަމިއްލަ ޓީމުގެ ކުޅުން ރަނގަޅުކޮށް ރަނގަޅު ފޯމުގައި ބޭއްވުމަށް އަބަދުވެސް މަސައްކަތް ކުރާކަމަށެވެ. 

img:http://s4.psmnews.mv/images/660x400/15117619670254.JPG|ކްލަބްގެ ޗެއަރމަންއާއެކު ނިއުގެ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ޕީއެސްއެމް

އޮސްކާ ބުނީ ނިއު ރަނގަޅު ފޯމެއްގައި އޮތުމާއެކު އޭނާގެ އަމާޒަކީ މިސީޒަނުގެ އެފްއޭ ކަޕާއި، ޕްރެޒިޑެންޓްކަޕް ވެސް ކާމިޔާބުކުރުން ކަމަށެވެ. ރޭ މާޒިޔާ އަތުން ލިބުނު މޮޅާއެކު ނިއު ވިދިވިދިގެން މޮޅުވި މެޗުގެ އަދަދު ވަނީ ބާރައަށް އަރާފައެވެ. އެންމެފަހުން އެޓީމު ބަލިވެފައިވަނީ ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އަތުންނެވެ.