ދުނިޔެ

ޙިސާރުގެ ފިޔަވަޅުތައް ލުއިކުރުމުން އެހީގެ ޝިޕްމަންޓުތައް ޔަމަނަށް


ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހިފައިވާ ޔަމަންގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ކަންތައްތައް އިންތިޒާމުކުރާ އދގެ މުވައްޒަފުން ޔަމަނަށް ދަތުރުކުރަން ފައްޓައިފިއެވެ. ބޭހާއި އެނޫންވެސް ސިއްޙީ އެހީ ދިނުމަށް ބޭނުންވާ ބައެއް ސާމާނާއި، އެ ތަކެއްޗާ ހަވާލުވެގެންދާ މުވައްޒަފުންނާއެކު އދގެ މަތިންދާބޯޓެއް ޔަމަންގެ ސަންޢާ އެއާޕޯޓްގައި އާދީއްތަ ދުވަހު ޖައްސާފައިވާ ކަމަށް، އދން ބުނެފައިވެއެވެ.

ޔަމަންގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީއާއެކު އދގެ މުވައްޒަފުން ސަންޢާ އެއާޕޯޓަށް ދާން ފަށާފައި މި ވަނީ، ޢަރަބި އިއްތިހާދުން ޔަމަނާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ލުއިކުރުމަށް ސައޫދީ އަރަބިޔާއިން ނިންމުމާ ގުޅިގެންނެވެ.

އދގައި ހުންނަ ސައޫދީ ޑިޕްލޮމެޓިކް މިޝަނުން ވަނީ ޔަމަނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ހިސާރުގެ ފިޔަވަޅުތައް ލުއިކުރިކަން ހާމަކޮށްފައެވެ.

ވައިގެމަގުން ހިސާރުގެ ފިޔަވަޅުތައް ލުއިކޮށްފައިވާއިރު ކަނޑު މަގުންވެސް ޙިސާރުގެ ފިޔަވަޅުތައް ލުއިކޮށްފައިވާކަން ސައޫދީން ވަނީ ކަށަވަރުކޮށް ދީފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވައިގެ މަގުންނާއި ކަނޑުގެ މަގުން ޔަމަނަށް ކާބޯތަކެއްޗާއި އަންނައުނާއި ރަޖައާއި ސިއްޙީ ފަރުވާއަށް ބޭނުންވާ ތަކެއްޗާއި ފޭލިގެތައް ފަދަ އިންސާނީ އެހީގެ ބޮޑެތި ޝިޕްމަންޓްތަކެއް އެތެރެކުރުމަށް ރާވާފައިވާކަމަށް، އދގެ މަސްއޫލުވެރިން ވިދާޅުވިއެވެ.

އިންސާނީ އެހީގެ ތަކެތި އަވަސްގޮތަކަށް ޔަމަނަށް ފޯރުކޮށްދެވިއްޖެނަމަ ޔަމަނުގެ ރައްޔިތުންގެ އެތައް މިލިޔަން ބައެއްގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމަށާއި އިންސާނީ ގިލަންވެރިކަމުންވެސް ޔަމަންގެ ރައްޔިތުން ސަލާމަތް ކުރެވޭނެކަމަށް އދން ބުނެއެވެ.

ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުން ވަނީ، ޙިސާރުގެ ފިޔަވަޅުތައް ލުއިކުރުމަށް ސައޫދީ ސަރުކާރުން ނިންމި ނިންމުމަށް މަރުހަބާ ކިޔާފައެވެ. މި ފުރުސަތުގެ ބޭނުން ޔަމަންގެ ވާދަވެރި ހުރިހާ ފަރާތްތަކަކުންވެސް ހެޔޮގޮތުގައި ހިފުމަށް އެޖަމާއަތްތަކުންވަނީ ގޮވާލާފައެވެ. އދން ކުރިއަށްގެންދާ ވަރލްޑް ފުޑް ޕްރޮގްރާމުން ބުނީ ބޭހާއި އދގެ މުވައްޒަފުންނާއެކު ސަންޢާ އެއާޕޯޓަށް ޖައްސާފައިވަނީ އެ ޕްރޮގްރާމަށް ނިސްބަތްވާ ބޯޓެއްކަމަށެވެ. އެ ޖަމިއްޔާގެ ތަރުޖަމާން އަބީރު އަތީފާ ވިދާޅުވީ ޔަމަންގައި ކާބޯތަކެތީގެ އަވަސް އެހީއަށް ބޭނުންވާ ތިން މިލިޔަން މީހުން އެބަތިބިކަމަށް.

ޔުނިސެފުން ބުނީ ޔަމަންގެ ކުޑަކުދިންގެ ތެރެއިން ހަސަތޭކަ ހާސް ކުޑަކުދިންނަށް ބީސީޖީ އާއި ޑިފްތީރިޔާ އާއި ހިމަބިއްސާއި ޓެޓްނަސް ފަދަ ވެކްސިންތައް ދޭންޖެހިފައިވާ ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި އެ ތަކެތި ޔަމަނަށް އެތެރެކުރާނެ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުވެސް ވެކްސިން އާއި ބޭހުގެ ބާވަތްތައް ހިފައިގެން އދގެ ދެ މަތިންދާބޯޓު ސަންޢާ އެއާޕޯޓަށް ގޮސްފައިވެއެވެ. އެ ދެ ބޯޓުން ގެންދިޔަ ޝިޕްމަންޓްތަކުގެ ތެރޭގައި ފަނަރަ ޓަނުގެ ވެކްސިން ހިމެނޭކަމަށް ޔުނިސެފުން ބުނެއެވެ.