ތަޢުލީމު

މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ އިންސާނީ ވަސީލަތް ތަރައްޤީކުރަނީ


މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ އައު ސްކީމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަމަލު ކުރަން ފަށައިފިއެވެ.

މި ސްކީމަކީ މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ފުޅާކޮށް، ފެންވަރު ރަގަނޅު ތަޢުލީމުގެ އަސާސްތަކާއި މިންގަނޑުތައް ޤާއިމުކޮށް އަށަގެންނެވުމަށް ސަރުކާރުން އެކުލަވާލި 5 އަހަރުދުވަހުގެ މާސްޓަރ ޕްލޭނަށް ރިޢާޔަތްކޮށް، ތައްޔާރުކޮށްފައިވާ ސްކީމެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކީމުގެ ދަށުން ފުރަތަމަ އިސްކަންދެނީ ރާއްޖޭގައި ހިންގާ ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ޕްރޮގްރާމުތަކުގައި ކިޔަވައިދޭނެ ޤާބިލު މީހުން އުފައްދައި ތަމްރީނުކުރުމަށްކަމަށެވެ. އަދި ކަމާގުޅޭ ފަންނީ ސަނަދުތައް ހާސިލުކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްވެސް އިސްކަންދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.