ދުނިޔެ

ނޭޕާލުގެ ޢާއްމު އިންތިޚާބުގެ ވޯޓުލުން ކުރިއަށްގެންގޮސްފި


ދާޚިލީ ހަނގުރާމައަށް ފަހު ބާއްވާ ފުރަތަމަ ޢާންމު އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ނޭޕާލުގައި ކުރިއަށްގެންގޮސްފިއެވެ.

ނޭޕާލުގައި ވޯޓުލާން ފެށުމާއެކު ދެތިން ތަނެއްގައިވަނީ ކުދިކުދި ގޮއްވުންތައް ގޮއްވާ، ހަމަނުޖެހުން އުފައްދާފައެވެ. އެހެންނަމަވެސް އެ ގޮއްވުންތަކުގެ ސަބަބުން މީހަކު މަރުވެފައެއް ނުވެއެވެ.

އަދި ސަރުކާރުންވަނީ އެއީ އިދިކޮޅު މާއޮއިސްޓުންގެ ޢަމަލެއްކަމަށް ތުހުމަތުކޮށްފައެވެ. މި ގޮވުންތަކާއެކު ނޭޕާލްގެ ސިފައިންނާއި ފުލުހުންވަނީ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށްފައެވެ.

ނޭޕާލުގައި ކުރިޔަށްދިޔަ ދާޚިލީ ހަނގުރާމަ ނިމުމަށްފަހު 10 އަހަރު ފާއިތުވީއިރުވެސް އެ ގައުމުގައި ޢާއްމު އިންތިޚާބެއް ބާއްވާފައެއް ނުވެއެވެ. އެންމެފަހުން ނޭޕާލްގައި ޢާއްމު އިންތިޚާބެއް ބާއްވާފައިވަނީ 1999 ގައެވެ.

ނޭޕާލަކީ މީގެ އެތަށް އަހަރެއްގެ ކުރިން ވިރާސީ ރަސްކަމުގެ ނިޒާމަކުން ޖުމްހޫރިއްޔާއަކަށް ބަދަލުވެފައިވާ ޤައުމެކެވެ. އެހެން ނަމަވެސް ޖުމްހޫރީ ނިޒާމެއް ހިންގުމަށް ބޭނުންވާ މުއައްސަސާތައް އަދިވެސް ޤާއިމުކުރެވިފައެއް ނުވެއެވެ.

އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުގައެވެ.