ޚަބަރު

ސީ.އެކްސް ކޮންފަރެންސްގައި ބާކްލޭސްގެ ޑިރެކްޓަރެއް ބައިވެރިވަނީ


ކަސްޓަމަރ އެކްސްޕީރިއަންސްގެ ދާއިރާއިން ރާއްޖޭގައި ބާއްވާ ފުރަތަމަ ކޮންފަރެންސްގައި އިނގިރޭސިވިލާތުގެ މަޝްހޫރު ބާކްލޭސް ކުންފުނީގެ ޑިރެކްޓަރެއް ބައިވެރިވާގޮތަށް ހަމަޖެހިއްޖެއެވެ.

ކަސްޓަމަރ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ "ކަސްޓަމަރ އެކްސްޕީރިއަންސް ކޮންފަރެންސް" ގައި ބާކްލޭސް ކުންފުނީގެ ފަރާތުން ބައިވެރިވަނީ އެކުންފުނީގެ ޑިޖިޓަލް އީގަލް އެންޑް ޕްރޯ އެކްޓިވް އެންގޭޖްމަންޓް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ކެރޯލް ލޭޒެލްއެވެ. އޭނާ ވަނީ ބްރިޓިޝް ކޮލެޓީ ފައުންޑޭޝަން، ބީ.ކިޔު.އެފްއިން ދޭ ކަސްޓަމަރ ސެޓިސްފެކްޝަން އެންޑް އިނޮވޭޝަން އެވޯޑް 2016 ވަނަ އަހަރު ހާސިލްކޮށްފައެވެ.

ރާއްޖޭގައި ބާއްވާ "ކަސްޓަމަރ އެކްސްޕީރިއަންސް ކޮންފަރެންސް" އާއި ގުޅޭގޮތުން ޔޫޓިއުބްގައި އާއްމުކޮށްފައިވާ ވީޑިއޯ ކްލިޕެއްގައި ކެރޯލް ލޭޒެލް ބުނެފައިވަނީ ކަސްޓަމަރުންނާއި އޮންނަ ގުޅުން ބަދަހިކުރުމުގައި ޓިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގެ މުހިއްމުކަމާއި، ބާކްލޭސްގައި އޭނާގެ ތަޖުރިބާ، މި ކޮންފަރެންސްގެ ބައިވެރިންނާއި ހިއްސާކުރާނެކަމަށެވެ. އަދި ކަސްޓަމަރުންގެ އުއްމީދުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މިކަންކަމަށް ވިޔަފާރިވެރިންނާއި، އެކި ކަހަލަ ޙިދުމަތްތައްދޭ ފަރާތްތަކުން ހައްލު ހޯދާނެގޮތްތަކާއި ގުޅޭގޮތުން ކޮންފަރެންސްގެ ބައިވެރިންނާއި ޚިޔާލު ބަދަލުކޮށް، މަޢުލޫމާތު ހިއްސާކުރާނެކަމަށްވެސް ކެރޯލް ބުނެފައިވެއެވެ.



ބާކްލޭސް ޕީ.އެލް.ސީ އަކީ އިނގިރޭސިވިލާތުގެ މަލްޓިނޭޝަނަލް ބޭންކް އެންޑް ފައިނޭންޝަލް ސަރވިސްގެ ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ކުންފުންޏެކެވެ. 

ރާއްޖޭގެ ސޭލްސް އެންޑް މާކެޓިންގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ކަސްޓަމަރ އެކްސްޕީރިއަންސް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހު ޕެރެޑައިޒް އައިލެންޑް ރިސޯޓުގައެވެ. މި ކޮންފަރެންސްގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއެވެ.