ޚަބަރު

އިބްރާހީމް ރަޝީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި


ދައުލަތުގެ މީޑިއާއަށް މެދުކެނޑުމެއް ނެތި 32 އަހަރަށްވުރެ ދިގުމުއްދަތަކަށް ޙިދުމަތްކޮށްދެއްވި ގ. މަސްދޮށި އަލްމަރުޙޫމް އިބްރާހީމް ރަޝީދު އަބްދުﷲ ގެ ހަނދާނުގައި ޕީ.އެސް.އެމްގެ ފަރާތުން ތަޢުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ.

މި ދަފްތަރު ހުޅުވާފައިވަނީ އަލްމަރުޙޫމް އިބްރާހީމް ރަޝީދުގެ ޒިކުރާ އާކުރުމުގެ ގޮތުން ޕީ.އެސް.އެމްގެ މެނޭޖްމަންޓާއި، މުވައްޒަފުން ބައިވެރިވި ޙާއްޞަ އެސެމްބްލީއެއްގައެވެ. އަލްމަރުޙޫމް އިބްރާހީމް ރަޝީދު ނިޔާވުމާ ހަމައަށް ދައުލަތުގެ މީޑިއާގައި 32 އަހަރާއި 5 މަހާއި 16 ދުވަހު ޚިދުމަތް ކުރައްވާފައިވެއެވެ.

އަލްމަރުޙޫމް އިބްރާހީމް ރަޝީދު ދައުލަތުގެ މީޑިއާއާ ގުޅިފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ ރިޕޯޓަރެއްގެ ގޮތުގައި 9 ޖޫން 1986 ވަނަ އަހަރުއެވެ. އޭގެފަހުން 1990 ން 2011 އަށް ނިއުސްރޫމްގެ ސަބްއެޑިޓަރެއްގެ ގޮތުގައި ވަނީ މަސައްކަތްކުރައްވާފައެވެ. ދިވެހިރާއްޖޭގެ އަޑުގެ ނިވްސްރޫމާއި ޓީވީ މޯލްޑިވްސްގެ ނިވްސްރޫމް، 2011 ވަނަ އަހަރު އެއްކޮށްލައި، އެއް ނިވްސްރޫމެއްގެ ގޮތުގައި ހިންގަން ފެށުމާ ހަމައަށް އިބްރާހީމް ރަޝީދު މަސައްކަތްކުރައްވީ ދިވެހިރާއްޖޭގެ އަޑުގެ ޚަބަރާބެހޭ ކަންކަމުގައެވެ. އިބްރާހީމް ރަޝީދު ވަނީ 2011 ން 2017 އަށް ނިއުސް ރޫމްގެ ސީނިއަރ އެޑިޓަރެއްގެ މަޤާމްވެސް ފުރުއްވާފައެވެ. ނިޔާވިއިރު އިބްރާހީމް ރަޝީދު ގެންދެވީ އެސިންޓެންޓް މެނޭޖަރެއްގެ މަޤާމް ފުރުއްވަމުންނެވެ.

މަރްހޫމް އިބްރާހީމް ރަޝީދުގެ ހަނދާނުގައި ޕީ.އެސް.އެމްގެ އިސްވެރިންނާއި މުވައްޒަފުން ބޭއްވި ޙާއްސަ އެސެމްބްލީގައި ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ދެއްކެވި ވާހަކައިގައި، އިބްރާހީމް ރަޝީދަކީ އޭނާގެ ހަޔާތުގެ ބޮޑުބައެއް ދައުލަތުގެ މީޑިއާގައި ވަކިން ޙާއްސަކޮށް ޙަބަރާއި މަޢުލޫމާތު ފެތުރުމުގެ ރޮނގުން ޤައުމީ ޚިދުމަތުގައި ސާބިތުކަމާއެކު ދެމިހުންނެވި ވަރަށްވެސް ހިތްވަރުގަދަ، އަދި ވެރިންނަށް ކިޔަމަންވުމުގައި ނަމޫނާ މުވައްޒަފެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. އަދި އިބްރާހީމް ރަޝީދުގެ އަގުހުރި ޚިދުމަތްތަކަކީ ދައުލަތުގެ މީޑިއާ ދެމިއޮތްހާހިނދަކު ދުވަހަކުވެސް ހަނދާނުން ފޮހެވިގެންދާނެ ޙިދުމަތްތަކެއް ނޫންކަމަށް އިކްރާމް ވިދާޅުވިއެވެ.

މި އެސެމްބްލީގައި މަރްހޫމް އިބްރާހިމް ރަޝީދާއެކު މަސައްކަތްކުރި ޕީ.އެސް.އެމްގެ ބައެއް މުވައްޒަފުން ވަނީ އޭނާއާއެކު ހޭދަކުރި ވަގުތުތަކުގެ ހަނދާން އައު ކޮށްފައެވެ. އޭނާއަކީ، އެކުވެރި، ދީލަތި، ހިތްހެޔޮ އަދި އެކުގައި މަސައްކަތްކުރަން ފަސޭހަ ބޭފުޅެއްގެ ގޮތުގައި އިބްރާހީމް ރަޝީދާއެކު މަސައްކަތްކުރި މުވައްޒަފުން ސިފަކުރެއެވެ.

އަލްމަރުޙޫމް އިބްރާހީމް ރަޝީދުގެ ހަނދާނުގައި ބޭއްވި މި ޙާއްސަ އެސެމްބްލީގައި ޕީ.އެސް.އެމްގެ ފަރާތުން ތަޢުޒިޔާގެ ދަފްތަރެއް ވަނީ ހުޅުވާފައެވެ. މި ދަފްތަރު ހުޅުވައިދެއްވީ ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޙަލީލެވެ.

އިބްރާހީމް ރަޝީދު ފާހަގަކުރެވިފައިވަނީ ސިޔާސީ ހަލަބޮލިކަމާއި ޚިޔާލު ތަފާތުވުންތަކުން އެއްކިބާވެލައްވައި އެޑިޓޯރިއަލް އުޞޫލްތަކާއި ޤަވާޢިދުތަކާއި މަސައްކަތުގެ އަޚްލާޤަށް އިސްކަންދެއްވައިގެން މަސައްކަތްކުރެއްވި އިޚްލާޞްތެރި މުވައްޒަފެއްގެ ގޮތުގައެވެ. ޚާއްޞަކޮށް، ވިޔަފާރީގެ މަސައްކަތްތައް ކުރެއްވުމުގެ ތެރެއިން ފޯރުންތެރިކަން ލިބިލެއްވިނަމަވެސް، އޭނާ ދައުލަތުގެ މީޑިއާގައި މަސައްކަތްކުރެއްވީ އެކަމަށް ހުރި ޝައުޤުވެރިކަމާއި ޤައުމަށް ޚިދުމަތްކުރެއްވުމުގެ ރޫޙްގެ ސަބަބުންކަން ފާހަގަކުރެވެއެވެ.

އިބްރާހީމް ރަޝީދު ނިޔާވީ، އިންދިރާނގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް 25 ނޮވެމްބަރު 2017 ވީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ނިޔާވިއިރު ޢުމުރަކީ، 57 އަހަރެވެ.