ކުޅިވަރު

ފަހު މެޗުން މިލަންދޫ މޮޅުވެ، ތިނަދޫ އިތުރު އިންތިޒާރަކަށް!


އިޝާން އިބްރާހިމް (ސައްޓު)ގެ ހެޓްރިކާއިއެކު ތިނަދޫ ބަލިކޮށް މޮޅަކާއިއެކު މިލަންދޫން ދިވެހި ޕްރިމިއަރ ލީގު ނިންމާލައިފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ގދ.ތިނަދޫއާއި ށ.މިލަންދޫގެ ކުރިމަތިލުން މިލަންދޫ ކާމިޔާބުކުރީ ތިނެއް ދޭކުންނެވެ. ފޯރިގަދަ އަދި ވާދަވެރި މެޗުގެ ފުރަތަމަ ގޯލް މިލަންދޫގެ އިޝާން އިބްރާހިމް ޖަހައިދިނީ މެޗުގެ ތިންވަނަ މިނެޓުގައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ތިނަދޫން ނަތީޖާ ހަމަހަމަކުރިނަމަވެސް އިޝާންވަނީ ދެވަނަ ފަހަރަށް މިލަންދޫއަށް ލީޑު ނަގައިދީފައެވެ. ތިނަދޫން މެޗުގައި ދެވަނަ ފަހަރަށް ނަތީޖާ ހަމަހަކޮށްދިނީ ބިދޭސީ ޑިފެންޑަރު ސައިސީޑޯ ރޮޑްރިގޭޒްއެވެ. މި ލަނޑަކީ އެޓީމަށް ލިބުނު ކޯނަރަކުން އޭނާ ޖެހި ގޯލެކެވެ. ދޭއް ދޭކުން ނަތީޖާ އެއްވަރުވެގެން އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، މެޗުން މިލަންދޫ މޮޅުވި ލަނޑު ޖަހައި އިޝާން އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ ފަސްދޮޅަސްވަނަ މިނެޓުގައެވެ.

މެޗަށްފަހު ށ.މިލަންދޫގެ ކޯޗު މުޙައްމަދު ނަސިރު ބުނީ ލީގުގެ ފަހު މެޗުތަކުގައި ޓީމުން ފެނުނު އެޓޭކިންގ ގޭމާއިމެދު ވަރަށް ހިތްހަމަޖެހޭކަމަށާއި، 14 މެޗުން 14 ޕޮއިންޓް ލިބުމަކީ ހިތްހަމަޖެހޭ ވަރެއްކަމަށެވެ. ފަހު މެޗުގައިވެސް މިލަންދޫގެ ހުރިހާ ކުޅުންތެރިން ވަރަށް ހިތްވަރުކުރިކަމަށާއި، މިހާ ހިސާބަށް ޓީމް ގެނައުމަށް އެއްބާރުލުން ދިން ހުރިހާ އެންމެންނަށް ޝުކުރު އަދާކުރާކަމަށެވެ.

ތިނަދޫގެ ކޯޗު އަލީ ސުޒޭން ބުނީ މި މެޗަކީ ތިނަދޫގެ ދަށް ކުޅުމެއް ފެނުނު  މެޗެއްކަމަށާއި، މި މެޗުގައި މިލަންދޫ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުން ފާހަގަކުރާކަމަށެވެ. ޚާއްސަކޮށް ކީޕަރު އިމްރާންގެ ތަޖުރިބާ މި މެޗުގައި ތަފާތަކަށްވިކަމަށް ސުޒޭން ބުންޏެވެ.

މެޗުން މޮޅުވެގެން ގަދަ ހަތަރެއްގެ ފަހު ޖާގަ ކަށަވަރުކުރެވެން އޮތް ތިނަދޫ ބަލިވުމުން، އެޖާގަ ކަށަވަރުވާނީ މިއަދު ހަވީރު ގްރީން ސްޓްރީޓްސްއާއި ޓީސީ ވާދަކުރާ މެޗުންނެވެ. މިއަދު މޮޅުވެގެން ގަދަ ހަތަރެއްގެ ޖާގަ ހޯދުމުގެ ފުރުޞަތު މިހާރު ގްރީންއަށްވެސް އެބައޮތެވެ. އެނޫން ނަތީޖާއެއް ނިކުމެއްޖެ ނަމަ ގަދަ ހަތަރެއްގެ ފަހު ޖާގަ ލިބޭނީ ތިނަދޫއަށެވެ.