ޚަބަރު

"އަނިޔާއެއް ތަހައްމަލު ކުރަންޖެހުމަކީ ބަލައިގަނެވޭނެކަމެއް ނޫން"


އެއްވެސް ބާވަތެއްގެ އަނިޔާއެއް ތަހައްމަލު ކުރަންޖެހުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި، ގެވެށި އަނިޔާގެ ވާހަކަތައް ދައްކާ، އެކަމާދެކޮޅަށް އަޑުއުފުލާ ފަރާތްތަކަކީ ވަރަށް ހިތްވަރުގަދަ ބައެއްކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަހާއި ގުޅިގެން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަރވިއެއްގައެވެ.

އަންހެން ކުދިންނަށާއި، އަންހެނުންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ހުއްޓުވާ، އަންހެނުންގެ ދަޢުރު މުޖުތަމަޢުގައި މިހާރަށްވުރެ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ގެވެށިއަނިޔާގެ މައްސަލަތައް، ޙާއްސަކޮށް އަންހެނުންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ރިޕޯޓުކުރާ ނިސްބަތް އިތުރުވުމުގެ އެއް ސަބަބަކީ އެކަމަށް މީހުން ހޭލުންތެރިވެފައިވާ މިންވަރުކަމަށެވެ. އަދި އަނިޔާއިން ރައްކާތެރިކަން ހޯދުމަކީ ކޮންމެ މީހެއްގެވެސް ހައްޤެކަމަށާއި މިފަދަ މައްސަލައެއް ރިޕޯޓްކުރުމަކީ އެންމެންގެވެސް ޒިންމާއެއްކަމުގައި ބަލާ، އަނިޔާ ތަހައްމަލު ކުރަމުންދާ އަންހެނުންނަށާއި އަންހެންކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



"މިފަދަ ދުވަހެއްގައި އަންހެނުންނަށާއި، އަންހެންކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ އެއްވެސް ބާވަތެއްގެ އަނިޔާއެއް ތަހައްމަލު ކުރަންޖެހުމަކީ ބަލައިގަނެވޭނެކަމެއް ނޫނޭ. އަނިޔާއިން ރައްކާތެރިކަން ހޯދުމަކީ ކޮންމެ މީހެއްގެވެސް ހައްޤެކަމުގައިވާހިނދު މިފަދަ މައްސަލައެއް ރިޕޯޓްކުރުމަކީ އެންމެންގެވެސް ޒިންމާއެއްކަމުގައި ބަލާ އަނިޔާ ތަހައްމަލް ކުރަމުންދާ އަންހެނުންނަށާއި އަންހެންކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އެންމެންގެވެސް ޒިންމާއެއް. އެހެންކަމުން މިފަދަ މައްސަލަތަކުގެ ވާހަކަދައްކާ، އެކަމާދެކޮޅަށް އަޑުއުފުލާ މީހުންނަކީ ވަރަށްވެސް ހިތްވަރުގަދަ ބައެއްގެ ގޮތުގައި އަޅުގަނޑުދެކެން" - މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.ޖެންޑަރ މިނިސްޓަރ ޒެނީޝާ ވިދާޅުވީ، އަންހެންކުދިންނާއި އަންހެނުން ބާރުވެރިކުރުމަކީ ސަރުކާރުގެ އެއް އަމާޒުކަމަށެވެ. އެގޮތުން އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީގޮތުން އަންހެނުންގެ ދަޢުރު މުޖުތަމަޢުގައި އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެދެވޭ ނަތީޖާތަކެއް ޙާސިލްވަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މަތީ ފަންތީގެ މަޤާމްތަކުގައި އަންހެނުންގެ ދައުރު މިހާރަށްވުރެވެސް ފުޅާވުން މުހިއްމުކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި ޖެންޑަރ އިކުއެލިޓީގެ ޤާނޫނަކީ މި މަސައްކަތްތަކަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.



"އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކާއި، އަދި ހާއްސަކޮށް މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށްޓަކާ ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ޖެންޑަރ އިކުއެލިޓީ ޤާނޫނު ވުޖޫދަށް އައިސް ތަސްތީޤުކުރެވި އެއަށް އަމަލުކުރަން ފެށުމާއެއްކޮށް. މިފަދަ ކަންކަމާއި ބެހޭގޮތުން އަޅުގަނޑުމެން ކުރާ މަސައްކަތްތަކަށް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް މިއީ. އަދި މިޤާނޫނު ތަންފީޒުކުރުމަށްޓަކާ އެކި އިދާރާތަކާއި މުއައްސަސާތަކާއި ގުޅިގެން މުސްތަޤުބަލުގައި އަޅުގަނޑުމެން ވަރަށް ގިނަ ހަރަކާތްތަކެއް އަންނަ އަހަރަށްވެސް ރޭވިފައިހުރިކަން ފާހަގަކޮށްލަން ބޭނުން" - މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.



އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އަންހެނުންނާމެދު ކުރާ ތަފާތުކުރުންތައް ނައްތާލުމާއި، އަނިޔާ ލިބެމުންދާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅައި، އަންހެނުންނަށް ކުރާ އަނިޔާއާ މެދު މުޖުތަމަޢު ހޭލުންތެރިކުރުވުމެވެ. ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 15 އަހަރާއި 49 އަހަރާއި ދެމެދުގެ ކޮންމެ ތިން އަންހެނަކުން އެކަކަކީ ކޮންމެވެސް ބާވަތަކެއްގެ އަނިޔާއެއްގެ ޝިކާރައަކަށްވެފައިވާ މީހުންނެވެ. އަދި ޖެންޑަރ މިނިސްޓްރީއަށް ކޮންމެ މަހަކު ހުށައެޅޭ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާއި، ގެވެށިއަނިޔާގެ މައްސަލަތައް ނުވަތަ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ މައްސަލަތަކުގައިވެސް އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންގެ ނިސްބަތް ފިރިހެނުންނަށްވުރެ ގިނަކަން ފާހަގަކޮށްލެވެއެވެ.

އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަހާއި ގުޅިގެން ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހާއި ހަމައަށް "16 ޑޭސް އޮފް އެކްޓިވިޒަމް"ގެ ނަމުގައި ދުނިޔޭގެ ފެންވަރުގައި ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. އެގޮތުން ކުރިއަށް މިއޮތް 16 ދުވަހު ރާއްޖޭގައިވެސް މިދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ޖެންޑަރ މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.