ޚަބަރު

މައްސަލަތައް ރިޕޯޓުކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލަންޖެހޭ


އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލައި، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤާނޫނުތައް ތަންފީޒުކުރުމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް މިހާރަށް ވުރެ ހަރުދަނާކުރުން މުހިއްމުކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗް.އާރ.ސީ.އެމުން ބުނެފިއެވެ. 

އެޗް.އާރ.ސީ.އެމުން މިހެން ބުނެފައިވަނީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަހާއި ގުޅިގެން އެކޮމިޝަނުން ނެރުނު ޙާއްސަ ބަޔާނުގައެވެ. 

އެޗް.އާރ.ސީ.އެމްގެ ބަޔާނުގައި އަންހެނުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ދިވެހިރާއްޖޭގައި އެކުލަވާލާފައިވާ ޤާނޫނުތައް ތަންފީޒުކުރުމުގައި އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ބަޖެޓާއި، ވަސީލަތްތަކުގެ ދަތިކަން ޚާއްސަގޮތެއްގައި އެކޮމިޝަނުން ފާހަގަކުރެއެވެ. އަންހެނުންނަށް ކުރާ އަނިޔާއާމެދު މުޖުތަމަޢު ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް، އަންހެނުންނަށް ލިބޭ އަނިޔާގެ މައްސަލަތައް ބަލާ ފަރާތްތަކަށް އެކަށީގެންވާ ތަމްރީން ދިނުން މުހިއްމުކަމަށް އެޗް.އާރ.ސީ.އެމުން ބުނެއެވެ. އަދި އަނިޔާ ލިބޭ އަންހެނުންނާ މެދު މުޖުތަމަޢު ދެކޭގޮތް ބަދަލުކޮށް، އާއިލާއާއި މުޖުތަމަޢުގެ ފަރާތުން، އެފަދަ ފަރާތްތަކަށް ދޭންޖެހޭ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އެޗް.އާރ.ސީ.އެމުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އަންހެނުންނަށް އަނިޔާ ކުރާ ފަރާތްތަކާއި އަންހެނުންނަށް އަނިޔާ ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދައްކާ ފަރާތްތަކަށް ޤާނޫނުގެ ތެރެއިން ފިޔަވަޅުއެޅުމަށްވެސް އެޗް.އާ.ރސީ.އެމްގެ ބަޔާނުގައި ގޮވާލާފައިވެއެވެ. 

އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާތައް ހިމެނެއެވެ. އަދި ބިރުދެއްކުމާއި، މާލީގޮތުން ދަތިކުރުމާއި އަދި މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ޖިންސީ ފުރައްސާރަކުރުމާއި ގުޅޭ މައްސަލަތައްވެސް އެކޮމިޝަނަށް ހުށައެޅިފައިވެއެވެ. މީގެ އިތުރުން ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުގެ އިހުމާލުގެ މައްސަލަތަކާއި، އަދި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ކުރިމަތިލާންޖެހިފައިވާ އެކި ބާވަތްތަކުގެ އަނިޔާގެ މައްސަލަތައްވެސް ހިމެނެއެވެ. 

މުޖުތަމަޢުގައި ބަދުނާމުވެދާނެކަމުގެ ބިރާއި، އެފަދަ ވާހަކަތައް އިތުރު މީހަކާ ޙިއްސާކޮށްފިނަމަ އަނިޔާކުރާ ފަރާތުގެ ފުށުން ކުރިމަތިވެދާނެ އިތުރު އަނިޔާތަކަށް ވިސްނައި މިފަދަ މައްސަލަތައް ރިޕޯޓުކުރުމަށް އަނިޔާ ލިބޭ ފަރާތްތަކުން ފަސްޖެހޭކަމަށްވެސް އެޗް.އާރ.ސީ.އެމްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.